އީރާނުން ފޮނުވާލި މިސައިލްތަކެއް ނައްތާލާފައިވާ ކަމަށް ގަތަރުގެ ޑިފެންސް މިނިސްޓްރީން ބުނިތާ މާގިނަ އިރުތަކެއް ނުވެ، އެ ގައުމުގެ ވެރިރަށް ދޯހާއިން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިއްޖެ އެވެ.

ގަތަރުގެ ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ސަރަހައްދަށް އަމާޒުކޮށް ދިން ގިނަ ހަމަލާތަކެއް ކާމިޔާބުކަމާއެކު ވަނީ ހުއްޓުވާފަ އެވެ.

"ކަނޑައެޅިފައިވާ ސަލާމަތީ ޕްލޭނާ އެއްގޮތަށް، ނުރައްކާ ދެނެގަނެވުނު ވަގުތުން ފެށިގެން އެކަމަށް ވަނީ ފިޔަވަޅު އަޅާފައި. އަދި ގަތަރުގެ ސަރަހައްދަށް ވަނުމުގެ ކުރިން ހުރިހާ މިސައިލްތަކެއް ވަނީ ހުއްޓުވާފައި،" ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

އަމާޒުކުރި މިސައިލްތައް ހުއްޓުވާފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވީ ނަމަވެސް، ވެރިރަށް ދޯހާގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު މިހާރު ދަނީ އިވެމުންނެވެ.

މީގެ އިތުރުން، އިރާގުގައި ހުންނަ އީރާނަށް ތާއީދުކުރާ ގްރޫޕެއްގެ ބޭހަކަށް ދިން ހަމަލާއެއްގައި ބަޔަކަށް އަނިޔާ ވެފައިވާ ކަމަށް ރިޕޯޓްތައް ވަނީ ލިބިފަ އެވެ.

މިކަމާ ގުޅިގެން އިޒްރޭލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހުޅަނގު އީރާނުގައި ހުރި އެ ގައުމުގެ ސަރުކާރުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ފުޅާދާއިރާއެއްގައި ހަމަލާތައް ދެމުންދާ ކަމަށެވެ.

އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދެމުންދާ ހަމަލާތަކުގައި، ބަހްރޭންގެ ވެރިރަށުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށާއި، އެ ސަރަހައްދުން ބާރުގަދަ ގޮވުމެއްގެ އަޑު ދެވަނަ ފަހަރަށް އިވިފައިވާ ކަމަށް އޭއެފްޕީ އިން ބުނެ އެވެ.

އީރާނުން ވަނީ ގަތަރު، ބަހްރޭން، ކުވެއިތު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތައް ދީފަ އެވެ.