އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން، ހޮރްމުޒް ކަނޑުއޮޅި ބަންދުކޮށް އެ ސަރަހައްދުން އެއްވެސް އުޅަނދަކަށް ދަތުރުނުކުރެވޭ ގޮތަށް އީރާނުގެ ނޭވީން މިއަދު ނިންމައިފި އެވެ.
މި ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް ނުހަނު މުހިންމު މަގަކަށްވާއިރު، މިއީ މުޅި ދުނިޔޭގެ އިގްތިސާދުގެ މައިނާރެވެ. މި ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފިނަމަ، މިހާރު 80 ޑޮލަރުގައި ހުރި ތެޔޮ ފީފާއެއްގެ އަގު 250 ޑޮލަރަށް އުފުލިގެން ހިނގައިދާނެ ކަމަށް މާހިރުން އިންޒާރު ދެއެވެ.
އިންޑިއާ ކަނޑުގައި އޮންނަ ހޮރްމުޒް ކަނޑުއޮޅިއަކީ ފާރިސީ އާއި އޮމާން ގަލްފް އަދި އަރަބި ކަނޑާ ގުޅުވައިދޭ މަގެކެވެ. މި ކަނޑުއޮޅީގެ އެއްފަރާތުގައި އީރާން އޮންނައިރު، އަނެއް ފަރާތުގައި އޮންނަނީ އޮމާން އެވެ.
މިއީ ދުނިޔޭގެ އެންމެ ނާޒުކު އަދި އެންމެ މުހިންމު ކަނޑުގެ ވިޔަފާރި މަގުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ. އިރާގު، ޔޫއޭއީ، ސައުދީ އަރަބިއްޔާ، ކުވެއިތު، ބަހްރޭން އަދި ގަތަރުގެ ސާފުނުކުރާ ތެޔޮ އުފުލާ ޓޭންކަރުތައް ދަތުރުކުރަނީ މި ހަނި ކަނޑުއޮޅިންނެވެ. ދުނިޔޭގައި އުފައްދާ ތެލާއި، ތެލުގެ އުފެއްދުންތަކުގެ ގާތްގަނޑަކަށް %15 އާއި %20 އާ ދެމެދުގެ މިންވަރެއް، އަދި ގުދުރަތީ ގޭސްގެ %30 އަށްވުރެ ބޮޑުބައެއް ދަތުރުކުރަނީ މި މަގުންނެވެ.
މި މަގުން އުފުލާ ތެލުގެ %82 ބޭރުކުރަނީ އޭޝިއާގެ ގައުމުތަކަށެވެ. އަދި ބާކީ ބައި ޔޫރަޕަށް ފޮނުވާއިރު، ޗައިނާއަށް އެތެރެކުރާ ގުދުރަތީ ގޭހުގެ %24 ދަތުރުކުރަނީ ވެސް މި ކަނޑުއޮޅި ހުރަސްކޮށެވެ. މިއީ ދުނިޔޭގެ އެންމެ ބާރުބޮޑު ކަނޑުގެ މަގަށްވާއިރު، ދުވާލަކު 200 އާއި 300 އާ ދެމެދުގެ އަދަދަކަށް އުޅަނދުފަހަރު ދަތުރުކުރެ އެވެ. ބައެއް ވަގުތުތަކުގައި ކޮންމެ ހަ މިނެޓަކުން އުޅަނދެއް މި ސަރަހައްދުން ދަތުރުކުރެ އެވެ.
އިރާނުގެ މާހިރުން ބުނާ ގޮތުގައި، ހޮރްމުޒް ކަނޑުއޮޅި ބަންދުކުރުމުން ދުނިޔޭގެ ބާޒާރަށް ތެޔޮ ފޯރުކޮށްދޭ މިންވަރު ވަރަށް ބޮޑަށް ދަށްވެ، އަގުތައް އިންތިހާއަށް އުފުލޭނެ އެވެ. ދުނިޔޭގެ އިގްތިސާދުގެ މައިގަނޑު އިންޖީނަކީ ތެޔޮ ކަމަށްވުމާއެކު، ތެލުގެ އަގަށް އަންނަ ކޮންމެ ބަދަލެއްގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ފޯރާނެ އެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާއަށްފަހު، ބްރެންޓް ކްރޫޑް ތެލުގެ އަގު މިހާރުވެސް %13 އުފުލި، ފީފާއެއްގެ އަގު ވަނީ 78.5 ޑޮލަރަށް އަރާފަ އެވެ. އީރާނުން ލަފާކުރާ ގޮތުގައި ކަނޑުއޮޅި އެއްކޮށް ބަންދުކޮށްފިނަމަ، އަގު 250 ޑޮލަރަށް އަރާނެ އެވެ. ޖޭ.ޕީ މޯގަން ފަދަ ބޮޑެތި މާލީ އިދާރާތަކުން ލަފާކުރަނީ އަގު 130 ޑޮލަރަށް އުފުލޭނެ ކަމަށެވެ. ނަމަވެސް، ހާލަތު އިތުރަށް ގޯސްވެއްޖެނަމަ މިއަށްވުރެ ވެސް މަތީ އަގުތަކަކަށް ދިއުމުގެ ފުރުސަތު އޮތްކަމަށް އެ ފަރާތްތަކުން ލަފާކުރެ އެވެ.

އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ހަމަލާދީފި
މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލައިފި
އަބޫދާބީ އާއި ކުވައިތަށް ވެސް ހަމަލާދީފި