ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގައި ބައިވެރިވާން އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން މިއަދު ހުޅުވާލައިފި އެވެ.

އައިޖީއެސްއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މިޝަންގައި 12 ދިވެހިން ބައިވެރިކުމަށް ހަމަޖެހިފައިވާއިރު އެކަމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި މިޝަންގައި ބައިވެރިވެވޭނީ އެއިރޮސްޕޭސް އިންޖިނިއަރިން، ކޮމްޕިއުޓަ ސައިންސް، އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް ނުވަތަ މެކޭނިކަލް އިންޖިނިއަރިން އިން ފަދަ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ އުމުރުން 35 އަހަރު ނުފުރޭ ދިވެހިންނަށް ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށް އައިޖީއެސް އިން ބުންޏެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ ހަތް ވަނަ ދުވަހުގެ ކުރިން އައިޖީއެސްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ހުށަހަޅަން ޖެހެ އެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) ގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މި މިޝަންއަށް ހޮވޭ ފަރާތްތައް ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ކަމަށާއި މި ތަމްރީން ޕްރޮގުރާމް އަކީ މުޅިން ހިލޭ ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. އަދި މި ތަމްރީނު ޕްރޮގުރާމް ފުރިހަމަކުރާ ފަރާތްތަކަށް 'ނެނޯ ސެޓެލައިޓް އިންޖިނިއަރިންގ ޕްރޮފެޝަނަލް' ސެޓްފިކެޓް ލިބޭނެ ކަމަށާއި މިއީ ސްޕޭސް އިންޑަސްޓްރީން ގަބޫލުކުރާ ސެޓްފިކެޓެއް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

"ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓް އުފައްދާނީ މި ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކުން. އަޅުގަނޑުމެން މުޅި މިޝަން ރާވާފައިވަނީ ފުލްޓައިމް ވަޒީފާގައި އުޅޭ ޒުވާނުންނަށްވެސް ބައިވެރިވެވޭ ގޮތަށް. އެހެންވީމަ ވަޒީފާއިން ވަކިނުވެ މި ތާރީހީ މަސައްކަތުގައި ބައިވެރިވެވޭނެ،" ރިފްއަތު ވިދާޅުވި އެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއެކީ އެވެ. އެ ޖަމިއްޔާގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ) އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސް ސައިންސްވެރިންނާއި ތަޖުރިބާކާރުން ހަރަކާތްތެރިވެ އެވެ.

ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑްވެއާ ސަޕްލައިކޮށް، ދިވެހިން ތަމްރީނުކުރުމުގެ އިތުރުން ސެޓެލައިޓް ލޯންޗްކުރުމުގައި ވެސް ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އައިޖީއެސް އަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.