އިރާނާ ދެކޮޅަށް މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ސުލްހައިގެ ހުށަހެޅުމަށް އީރާނުން އިންކާރުކޮށްފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފި އެވެ.

މިއީ ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން އީރާނުން ރަސްމީކޮށް ބަހެއް ބުނި ފުރަތަމަ ފަހަރެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ނަން ހާމަނުކުރާ އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވާ ގޮތަށް ހަނގުރާމަ ނިމުމަކަށް ނާންނާނެ ކަމަށާއި، ހަނގުރާމަ ނިމޭނީ އީރާނުން ބޭނުންވާ ޝަރުތުތަކުގެ މަތިން ކަމަށެވެ.

"ހަނގުރާމަ ނިމުމަކަށް އަންނާނީ އީރާނުން އެކަން ނިންމަން ބޭނުންވާ ވަގުތެއްގައި،" އޮފިޝަލް ވިދާޅުވި އެވެ.

ހަނގުރާމަ ހުއްޓާލުމަށް އީރާނުން ފަސް ޝަރުތެއް ކުރިމަތިކުރުވާފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ. އޭގެ ތެރޭގައި ކުރިމަތީގައި ދެވޭ ހަމަލާތަކުން ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި، ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ނަގައިދިނުން ހިމެނެ އެވެ. މި ހުށަހެޅުމަކީ ޕާކިސްތާން މެދުވެރިކޮށް އެމެރިކާއިން ހުށަހެޅި 15 ނުކުތާގެ މައްޗަށް އެކުލެވޭ ހުށަހެޅުމަށް އީރާނުން ދިން ރައްދެކެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމަ މިހާރު އޮތީ "ކޮންޓްރޯލުން ނެއްޓިފައި" ކަމަށެވެ. މުޅި ދުނިޔެ ބޮޑު ހަނގުރާމައެއްގެ ތުންފަތްމަތީގައި އޮތްކަން ފާހަގަކުރައްވައި، އިންސާނީ ކުއްލި ނުރައްކަލުގެ ހާލަތާއި އިގްތިސާދީ ލޮޅުންތަކާ މެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ފެށުނު މި ހަނގުރާމަ މިހާރު ވަނީ އިޒްރޭލް، ލުބުނާން، ބަހްރޭން، ކުވެއިތު، އުރުދުން އަދި ސައުދީ އަރަބިއްޔާއަށް ފެތުރިފަ އެވެ.

އީރާނުން ވަނީ އެމެރިކާގެ މަނަވަރު 'ޔޫއެސްއެސް އަބްރަހަމް ލިންކަން' އަށް ކްރޫޒް މިސައިލް ހަމަލާތަކެއް ދީފައިވާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން އިޒްރޭލުން ވަނީ އީރާނުގެ ވެރިރަށް ތެހެރާނަށާއި އިސްފަހާންގައި ހުންނަ ސަބްމެރިން އުފައްދާ މަރުކަޒަކަށް ހަމަލާދީފަ އެވެ.

ޓްރަމްޕް ސުލްހައިގެ ވާހަކަތަކުގައި ކުރިއެރުން ލިބެމުންދާ ކަމަށް ވިދާޅުވި ނަމަވެސް، އީރާނުން ދަނީ ރަސްމީ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާ ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރަހައްދީ މެދުވެރިން ބުނާ ގޮތުގައި ސިއްރު ގޮތެއްގައި މެސެޖުތައް ބަދަލުކުރުމުގެ މަސައްކަތްތަކެއް ދަނީ ހިނގަމުންނެވެ.