އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)ގެ ޑިރެކްރެކްޓަރު ކޭޝް ޕަޓޭލްގެ އަމިއްލަ އީމެއިލް އެކައުންޓް، އީރާނާ ގުޅުން އޮންނަ ހެކަރުންގެ ގްރޫޕަކުން ހެކްކޮށް، އޭގެ ތެރޭގައި ހުރި ސިއްރު ބައެއް ފޮޓޯތަކާއި ލިޔެކިޔުންތައް އިންޓަނެޓުގައި އާންމުކޮށްފި އެވެ.
މި ހަމަލާގެ ޒިންމާ އުފުލާފައި ވަނީ "ހަންޑަލާ ހެކް ޓީމް" އިންނެވެ. އެ ގްރޫޕުން ބުނެފައިވަނީ ކޭޝް ޕަޓޭލްގެ ނަން މިހާރު ވަނީ އެމީހުން ކާމިޔާބުކަމާއެކު ހެކްކޮށްފައިވާ މީހުންގެ ލިސްޓަށް އިތުރުވެފައި ކަމަށެވެ. ހެކަރުން ވަނީ ޕަޓޭލްގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ބައެއް ފޮޓޯތައް އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ސިގަރޭޓް ބޯން ހުންނަ ފޮޓޯތަކާއި، އަމިއްލަ ފޮޓޯ ނަގަން ހުންނަ މަންޒަރުތައް ހިމެނެ އެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ އޮފިޝަލަކު ވަނީ ޕަޓޭލްގެ އީމެއިލް ހެކްކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. އަދި އިންޓަނެޓުގައި އާންމުކޮށްފައިވާ މައުލޫމާތުތަކަކީ އަސްލު މައުލޫމާތުތަކެއް ކަމަށް ބެލެވޭ ކަމަށްވެސް އެ އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެފްބީއައި އިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ހަންޑަލާ އަކީ ފަލަސްތީނަށް ތާއީދުކުރާ ހެކަރުންގެ ގްރޫޕެއް ކަމަށް އެމީހުން އަމިއްލައަށް ބުނި ނަމަވެސް، ހުޅަނގުގެ ތަހުގީގީ އިދާރާތަކުން ގަބޫލުކުރާ ގޮތުގައި މިއީ އީރާނު ސަރުކާރުގެ ސައިބާ އިންޓެލިޖެންސް ޔުނިޓުތަކުން ބޭނުންކުރާ ނަމެކެވެ. މި ގްރޫޕުން ވަނީ ދާދި ފަހުން މާޗް 11 ގައި އެމެރިކާގެ މެޑިކަލް ޑިވައިސް ކުންފުންޏެއް ކަމަށްވާ ސްޓްރައިކާގެ މައުލޫމާތުތައް ވެސް ހެކްކޮށްފައިވާ ކަމަށް ދައުވާކޮށްފަ އެވެ.
ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހެކަރުން ވަދެފައިވާ ޖީމެއިލް އެޑްރެހަކީ މީގެ ކުރިން ވެސް ބައެއް ޑޭޓާ ބްރީޗްތަކުގައި ޕަޓޭލްއާ ގުޅުން ހުރި އެޑްރެހެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އެޑްރެހެކެވެ. އާންމުކޮށްފައިވާ މައުލޫމާތުތަކުގެ ތެރޭގައި 2010 އާއި 2019 އާ ދެމެދުގެ އަމިއްލަ އަދި މަސައްކަތާ ގުޅުންހުރި މުއާމަލާތްތައް ހިމެނޭ ކަމަށް ބެލެވެ އެވެ.
މޮޓޯއެކްސް ސައިކަލެއް ހޯދަން ރަނުގެ ފުރުސަތެއް!