އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ހަދާ އާ ބޯލްރޫމުގެ ދަށުގައި ބިޔަ ކިއްލާއެއް ފަދަ އަސްކަރީ ކޮމްޕްލެކްސެއް ބިނާކުރަމުންދާ ކަމަށް ބުނެފި އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލީން ލީވިޓް ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ވައިޓް ހައުސްގައި ހުރި އަސްކަރިއްޔާގެ ވަސީލަތްތައް އަޕްގްރޭޑް ކުރަމުންދާ ކަމަށާއި، އެކަމުގެ އިތުރު ތަފްސީލް ދެވެން ނެތް ކަމަށެވެ. ލީވިޓްގެ މި ވާހަކަތައް އައީ ޓްރަމްޕް އެއާ ފޯސް ވަންގައި ނޫސްވެރިންނަށް އާ އިމާރާތުގެ ބޮޑު ކުރެހުމެއް ދެއްކުމަށް ފަހު އެވެ. ޓްރަމްޕް ވަނީ އެ އިމާރާތުގައި ވަޒަން ނާރާ ބިއްލޫރި އާއި ޑްރޯން ޕްރޫފް ފުރާޅެއް ހިމެނޭ ކަމަށް ބުނެފަ އެވެ.
ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ މި ބޯލްރޫމް ހަދަނީ 8،360 އަކަ މީޓަރުގެ ޖާގައެއްގައި، 1،000 މީހުންގެ ޖާގައާ އެކު އެވެ. މި އިމާރާތް ހަދަނީ ޓްރަމްޕް އޮކްޓޫބަރު މަހު ތަޅާލުމަށް އެންގި ވައިޓް ހައުސްގެ އީސްޓް ވިންގް ހުރި ތަނުގަ އެވެ. އީސްޓް ވިންގްގެ ދަށުގައި ކުރިން ހުރީ ރައީސަށް ހާއްސަ ކުއްލި ހާލަތުގެ ބަންކަރެކެވެ.
އީސްޓް ވިންގް ތަޅާލުމާ ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާއި ތާރީހީ ތަންތަން ހިމާޔަތްކުރާ ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެ، ދައުވާއެއް ވެސް ކޯޓުގައި ކުރިއަށް އެބަ ގެންދެ އެވެ.
ފެޑެރަލް ރިވިއު ނުވަތަ އާންމުންގެ ހިޔާލު ހޯދުމެއް ނެތި ތަޅާލަން ނިންމުމަށާއި، އާ އިމާރާތުގެ ޑިޒައިނާއި ތާރީހީ ގޮތުން ފެންވަރަށް ފާޑުކިޔުންތެރިން ވަނީ އިއުތިރާޒުކޮށްފަ އެވެ. މި ޕްރޮޖެކްޓް ފާސްކުރަން ޖެހޭ ދެ ފެޑެރަލް އިދާރާގެ ތެރެއިން ނެޝަނަލް ކެޕިޓަލް ޕްލޭނިން ކޮމިޝަނުން ބުރާސްފަތި ދުވަހު ވޯޓެއް ނެގުމަށް ވަނީ ތާވަލުކޮށްފަ އެވެ.
އާމިރު ޚާން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ސަބަބު!
ސޯނަމްއަށް މިފަހަރު ވެސް ލިބުނީ ފިރިހެން ކުއްޖެއް!