ވ. ފެލިދޫ ކައިރިން މި މަހުގެ 17 ވަނަ ދުވަހުގެ ރޭ، އިންޑިއާގެ ބިލިނިއަރު ރޭމަންޑް ގުރޫޕްގެ ޗެއާމަން ގޯތަމް ސިންގްހާނިއާގެ ލަގްޒަރީ ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި މީހެއްގެ އަތެއް ބުރިވެފައިވަނިކޮށް، އެ ސަރަހައްދުގެ ކަނޑުއަޑިން އިންސާނެއްގެ އަތެއް ފެނިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ބުރިވެފައި އޮތް މި އަތް ފެނުނީ ވ. ދިއްގިރި ޝާކް ޕޮއިންޓަށް ޑައިވިނަށް ގޮސް އުޅުނު ބަޔަކަށެވެ. މިކަން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފުލުހުންގެ ޓީމެއް މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. އަތް ފެނުނު ސަރަހައްދަކީ އެކްސިޑެންޓު ހިނގި ސަރަހައްދާ ގާތްގަނޑަކަށް 10 ކިލޯމީޓަރު ދުރު ސަރަހައްދެކެވެ.
ފެނިފައިވާ އަތުގެ ވީޑިއޯތަކުން ފެންނަ ގޮތުގައި، އަތް ބުރިވެފައިވަނީ އުޅަނބޮށީގެ މަތިންނެވެ. އަދި އަތުގެ އިނގިލިތައް ފިޔަވައި ދެން ހުރި ބައިގެ މަސްގަނޑު އެއްކޮށް ނެއްޓި، ކަށިގަނޑު އޮތީ ފެންނާށެވެ. ފުލުހުން ބުނީ އިންސާނެއްގެ ގުނަވަނެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް ފެނިފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަތް ބުރިވީ އުޅަނދުގައި ހުރި އިންޑިއާގެ ރައްޔިތެއްގެ އެވެ. އޭނާ އިތުރު ފަރުވާއަށް މި މަހުގެ 21 ވަނަ ދުވަހު ވަނީ އިންޑިއާއަށް ގެންގޮސްފަ އެވެ. ވ. ކެޔޮދޫ ހުޅަނގު ދެކުނުން ދެ ނޯޓިކަލް މޭލު ބޭރުން ދަތުރުކުރި މި އުޅަނދު އެކްސިޑެންޓުވި އިރު، އޭގައި ހަތް މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ފަސް ފިރިހެނަކާއި، އިނގިރޭސިވިލާތުގެ އަންހެނަކާއި ރަޝިއާގެ އަންހެނެކެވެ.
ގަޑިއަކު 100 މޭލަށް ވުރެ ބާރަށް ދުއްވޭ މި ޕަވަބޯޓް އެކްސިޑެންޓުވި ހާދިސާގައި ފަސް މީހަކު މޫދަށް ވިއްސައިގެން ދިޔަ އެވެ. އޭގެ ތެރެއިން އިންޑިއާގެ ދެ މީހަކު އަދިވެސް ފެނިފައެއް ނުވެ އެވެ. ގެއްލިގެން ހޯދަމުންދާ މީހުންގެ ތެރޭގައި އިންޑިއާގެ މޮޓޯ ސްޕޯޓްސްގައި މަޝްހޫރު ހަރީ ސިންގާއި، ޔޮޓްގެ ކެޕްޓަން މަހޭޝް ރާމަޗަންދުރަން ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
މި ހާދިސާގައި އަނިޔާވި މީހުންނަށް ފުރަތަމަ ފަރުވާ ދިނީ ވ. އަތޮޅު ހޮސްޕިޓަލުގަ އެވެ. އޭގެ ފަހުން ބައެއް މީހުން ޓްރީޓޮޕް ހޮސްޕިޓަލަށް ބަދަލުކުރެވުނު އިރު، ބިލިނިއަރު ގޯތަމް ސިންގްހާނިއާ އާއި އިތުރު އަންހެނަކު ވަނީ ފަރުވާއަށް އިންޑިއާއަށް ފުރާފަ އެވެ. ފުލުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.
އެމެރިކާގެ ބޯޓުތަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދުކޮށްފި
ކާށި ތެލުން ފައިދާ ލިބެނީ ހަމައެކަނި އިސްތަށިގަނޑަކަށް ނޫން!
ހަނގުރާމައަށް ފައިސާ ހޯދަން އަރަބި ގައުމުތަކުގެ ޓްރަމްޕް އެދެނީ