ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ދިމާވާ ގޮންޖެހުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތްކުރަމުންދާ ކަމަށާއި އަދި އެ ދާއިރާއަށް 2024 އިން ފެށިގެން މިހާތަނަށް އައު ލޯނުގެ ގޮތުގައި 365 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ 90 އޭޓީއެމްއާއި 6 ބްރާންޗް އިފްތިތާހުކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޝަރީފް ވިދާޅުވީ ފަތުރުވެރިކަމަށް ކުރިމަތިވަމުންދާ އަސަރުތައް ދެނެގަނެ، އެ ސިނާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުހިންމު ސްޓޭކްހޯލްޑަރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"މިގޮތުން، ރިސޯޓް އޮޕަރޭޓަރުންނާއި، ގެސްޓްހައުސް ހިންގާ ފަރާތްތަކާއި އަދި ފަތުރުވެރިކަމާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުގެ ހިންގުމަށާއި މާލީ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްޓަކައި އެ ފަރާތްތަކާއެކު މެދުނުކެނޑި މަޝްވަރާތައް ކުރިއަށްދޭ." ޝަރީފް ވިދާޅުވި އެވެ.
އަދި މިއަދާ ހަމައަށް ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކޮށްފައިވާ ލޯނު ޕޯޓްފޯލިއޯ 585 މިލިއަން ޑޮލަރަށް އަރާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތާ ގުޅިގެން ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ބޭންކުން ނެރުނު ނޫސްބަޔާނެއްގައި ވެސް ބޭންކުން ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އެހީތެރިވެ ދިނުމުގައި ދެމި އޮންނާނެކަމުގެ ޔަގީންކަންދީފަ އެވެ. އެގޮތުން ރާއްޖޭގެ އިގްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ހަމަޖެހުން ގާއިމުކުރުމަށާއި، އެ ސިނާއަތުގެ ކުރިއެރުމަށް މަސައްކަތް ކުރުމަކީ ގައުމީ ފެންވަރުގައި އިސްކަންދޭ ކަމަކަށްވާއިރު، ބޭންކުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ އަމާޒަށް ވާސިލުވުމަށް ކަމަށް އެ ބަޔާނުގައި ވެއެވެ.
ޓްރަމްޕް ގެ ހިތާބަށް ގިނަ ބައެއް ފަާޑުކިޔުން އަމާޒުވެއްޖެ
ވަޒީފާގައި ގިނައިރު އިށީނދެ އިންނަން ޖެހޭތަ؟
ބީއެމްއެލްގެ އެންއޯޕީ ހުރީ ވަރަށް ރަނގަޅު މިންވަރެއްގައި
