އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުރިހާ އުޅަނދުފަހަރަކަށް ހުޅުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި މުހުލަތު އަންގާރަ ދުވަހަށް ހަމަވާއިރު، އެކަން އެގޮތަށް ނުވެއްޖެނަމަ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފާލަންތައް ސުންނާފަތިކޮށްލާނެ ކަމަށް ވިދާޅުވެ، ހަޑިހުތުރު ބަހުރުވަ ބޭނުންކުރައްވައި ޓްރަމްޕް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

މީގެ ކުރިންވެސް ދެއްވާފައިވާ "ނަރަކައިގެ" އިންޒާރު ތަކުރާރު ކުރައްވަމުން ޓްރަމްޕް ވަނީ، އީރާނާއެކު އެއްބަސްވުމަކަށް އާދެވުމުގެ ރަނގަޅު ފުރުސަތެއް އެބައޮތް ކަމަށް އެމެރިކާގެ މީޑިއާތަކަށް ވިދާޅުވެފަ އެވެ. ނަމަވެސް، އީރާނުން ވަނީ ޓްރަމްޕްގެ މި އިންޒާރުތަކަކީ ނުކުޅެދުންތެރި، ހާސްކަމެއްގެ ތެރޭގައި ހުރެ ބުނި މޮޔަ ވާހަކަތަކެއްގެ ގޮތުގައި ސިފަކޮށް، އެކަމަށް މަލާމާތްކޮށްފަ އެވެ.

ޓްރަމްޕް މި އިންޒާރު އަލުން ދެއްވާފައި މިވަނީ، އީރާނުގެ ވައިގެ ސަރަހައްދުން ވައްޓާލި އެމެރިކާގެ ފައިޓަރ ޖެޓްގެ ދެވަނަ މީހާ، އީރާނުގެ ވަރަށް އެތެރޭގައި ހިންގި އޮޕަރޭޝަނެއްގައި ކާމިޔާބުކަމާއެކު ސަލާމަތްކުރެވުނުކަން އިއުލާން ކުރެއްވުމަށްފަހު އެވެ. އީރާނުގެ ހުޅަނގު ދެކުނުގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު މި ސިފައިންގެ މީހާ ހޯދުމަށް އެމެރިކާ އާއި އީރާނުންވެސް މަސައްކަތް ކުރި އެވެ. އެފް-15 މަތިންދާބޯޓުގެ ޕައިލެޓް ވަނީ މިދިޔަ ހުކުރު ދުވަހު ބޯޓު ވައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފެނިފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ މަހަކަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ ހަނގުރާމައިގެ ތެރޭގަ އެވެ. އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދާ ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އީރާނުން ދަނީ އެ ދެ ގައުމުގެ ބައިވެރިން ކަމަށްވާ ގަލްފުގެ ގައުމުތަކަށް ހަމަލާ ދެމުންނެވެ.

މީގެ އިތުރުން، ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އާންމުކޮށް އުފުލާ މުހިންމު މަގު ކަމަށްވާ ހޮރްމުޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް އީރާނުން ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވާފަ އެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަކެތީގެ އަގު ބޮޑުވެދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

މި ހުރަސްތަކާ ގުޅިގެން، ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް އެކި މުހުލަތުތައް ޓްރަމްޕް ވަނީ މާޗް މަހުގެ ތެރޭގައި ދެއްވާފަ އެވެ.