އިރާނާއެކު އެއްބަސްވުމަކަށް އައުމަށް ކަނޑައަޅާފައިވާ އަންގާރަ ދުވަހުގެ ސުންގަޑިއަކީ އެންމެ ފަހު ވަގުތު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ، އީރާނުން ހުށަހަޅާފައިވާ ހުށަހެޅުމަކީ ފާހަގަކޮށްލެވޭ މުހިންމު ފިޔަވަޅެއް ނަމަވެސް، އެއީ އެންމެ އެދެވޭ މިންވަރެއް ނޫން ކަމަށެވެ.

"އެމީހުން ހުށަހެޅުމެއް ހުށަހަޅައިފި، އެއީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ފިޔަވަޅެއް. އެކަމަކު އަދި އެ މިންވަރުން ފުދޭކަށް ނެތް،" އިރާނުގެ ހުށަހެޅުމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވި އެވެ.

ވައިޓް ހައުސްގައި ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނުން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، އެކަންކަން ކޮށްފިނަމަ މި ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަތުވެދާނެ ކަމަށެވެ. އަދި އީރާނުން މަޝްވަރާތައް ކުރިއަށްގެންދަނީ އިހުލާސްތެރިކަމާއެކު ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާ "އިރްނާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާ އާއި އިޒްރޭލާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ހުށަހެޅުމަށް އީރާނުން ވަނީ އިންކާރުކޮށްފަ އެވެ. އީރާނުން ބާރުއަޅަމުންދަނީ މި ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށެވެ.