އީރާނުގެ އާ ސުޕްރީމް ލީޑަރު މޮޖުތަބާ ޚާމަނާއީގެ މޫނަށާއި ފަޔަށް ލިބިވަޑައިގެންފައިވާ ބޮޑެތި އަނިޔާތަކަށް އަދިވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް އޭނާގެ އަރިސް މަސްދަރުތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފި އެވެ.
މި އަނިޔާތަކަކީ ހަނގުރާމައިގެ ކުރީކޮޅު އޭނާގެ ބައްޕާފުޅު އަވަހާރަވި ވައިގެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކެކެވެ.
ތެހެރާންގެ މަރުކަޒީ ސަރަހައްދުގައި ހުންނަ ސްޕްރީމް ލީޑަރުގެ ރަސްމީ އޮފީހަށް ދެވުނު މި ހަމަލާގައި މޮޖުތަބާގެ މޫނުމަތީގެ ބައްޓަން ގެއްލޭ ފަދަ ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި، އޭނާގެ ދެފައިން ކުރެ ފަޔަކަށް ނުވަތަ ދެފަޔަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މަސްދަރުތަކުން ބުނެ އެވެ.
ނަމަވެސް، އުމުރުން 56 އަހަރުގެ މޮޖުތަބާ ޚާމަނާއީގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި، އޭނާގެ ސިކުނޑި ހުރީ މަސައްކަތްކުރާ ހާލަތުގައި ކަމަށް މި މައުލޫމާތު ދިން ފަރާތްތަކުން ބުނެ އެވެ. އޭނާ މިހާރު ވެސް އަންނަނީ އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިސް މަސްއޫލުވެރިންނާ ބައްދަލުކުރައްވައި، ހަނގުރާމައާއި އެމެރިކާއާ އެކު ކުރެވޭ މަޝްވަރާތަކާ ގުޅޭ ނިންމުންތައް ނިންމެވުމުގައި ބައިވެރިވެވަޑައިގަންނަވަމުންނެވެ.
އީރާނުގެ އެންމެ އިސް ލީޑަރުގެ ސިއްހީ ހާލަތާ މެދު ސުވާލު އުފެދިފައި މިވަނީ، ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި އެ ގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ދަނޑިވަޅުގަ އެވެ. އެގޮތުން ޕާކިސްތާނުގެ އިސްލާމްއާބާދުގައި އެމެރިކާއާ އެކު ބޭއްވުމަށް ހަމަޖެހިފައިވާ މުހިންމު ސުލްހައިގެ މަޝްވަރާތައް ހޮނިހިރު ދުވަހު ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.
މޮޖުތަބާގެ އަރިސް ބޭފުޅުން ދެއްވި މި މައުލޫމާތަކީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި އޭނާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ލިބުނު އެންމެ ތަފްސީލީ މައުލޫމާތެވެ. ނަމަވެސް، މި ވާހަކަތަކުގެ ސައްހަކަން ކަށަވަރު ކުރެވޭ ގޮތެއް ރޮއިޓާސްއަކަށް ނުވި އެވެ.
މާޗް މަހުގެ 8 ވަނަ ދުވަހު އޭނާގެ ބައްޕާފުޅުގެ ބަދަލުގައި އެ މަގާމަށް އައްޔަންކުރެވުނު ފަހުން، މޮޖުތަބާގެ އެއްވެސް ފޮޓޯއެއް، ވީޑިއޯއެއް ނުވަތަ އަޑެއް ވެސް އާންމުކޮށްފައެއް ނުވެއެވެ. އެހެންކަމުން އޭނާ ހުންނެވި ތަނަކާއި، ހާލަތާއި، ގައުމު ހިންގެވުމުގެ ގާބިލުކަން އަދިވެސް އޮތީ އާންމުންނަށް ނޭނގޭ ސިއްރެއްގެ ގޮތުގަ އެވެ.
މޮޖުތަބާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލާއި، އޭނާ އާންމުންގެ ކުރިމައްޗަށް ނުނިކުންނަވާ ސަބަބާ ގުޅޭގޮތުން އދ. ގައި ހުންނަ އީރާނުގެ މިޝަނުން އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ. އޭނާއަށް އަނިޔާވީ ފެބްރުއަރީ 28 ވަނަ ދުވަހު، އެމެރިކާއާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ފުރަތަމަ ދުވަހު ދިން ހަމަލާގަ އެވެ. އެ ހަމަލާގައި 1989 އިން ފެށިގެން އީރާނުގެ ވެރިކަން ކުރެއްވި އޭނާގެ ބައްޕާފުޅު އާޔަތުﷲ އަލީ ޚާމަނާއީގެ އިތުރުން، މޮޖުތަބާގެ އަނބިކަނބަލުންނާއި އާއިލާގެ ބައެއް އެހެން މެންބަރުން ވެސް އަވަހާރަވި އެވެ.
އީރާނުގެ ސަރުކާރުން ރަސްމީކޮށް އޭނާގެ އަނިޔާތަކާ ބެހޭ އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ. ނަމަވެސް، އޭނާ ސްޕްރީމް ލީޑަރުގެ މަގާމަށް އައްޔަންކުރި ޚަބަރު ކިޔައިދިން ސަރުކާރުގެ ޓީވީ ޕްރެޒެންޓަރު ވަނީ އޭނާއަކީ "ޖަންބާޒް" އެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. މިއީ ހަނގުރާމައިގައި ބޮޑެތި އަނިޔާތައް ލިބޭ މީހުންނަށް ނިސްބަތްކޮށް ބޭނުންކުރާ ލަފުޒެކެވެ.
މި ޚަބަރުތަކަކީ އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު މާޗް 13 ގައި ދެއްވި ބަޔާނާ ދިމާވާ ވާހަކަތަކެކެވެ. އޭނާ އޭރު ވިދާޅުވީ ޚާމަނާއީ ހުންނެވީ ޒަޚަމްވެ، ބައެއް ގުނަވަންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ކަމަށެވެ. އެމެރިކާގެ ޖާސޫސީ މައުލޫމާތުތައް އެނގޭ މަސްދަރަކުން ރޮއިޓާސްއަށް ބުނި ގޮތުގައި ޚާމަނާއީގެ ފަޔެއް ވަނީ ބުރިވެފަ އެވެ.
މަސްދަރުތަކުން ބުނާ ގޮތުގައި، ކުރިއަށް އޮތް އެއް މަސް ނުވަތަ ދެ މަސް ދުވަހުގެ ތެރޭގައި މޮޖުތަބާގެ ފޮޓޯތައް އާންމުކުރާނެ ކަމަށް ބެލެވެއެވެ. އަދި އޭނާގެ ސިއްހީ ހާލަތާއި ސަލާމަތީ ކަންކަން ތަންދޭ ނަމަ، އެ މުއްދަތުގައި އާންމުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އީރާނުގެ ދީނީ ވެރިކަމުގެ ނިޒާމުގައި އެންމެ އިސް ބާރަކީ ސްޕްރީމް ލީޑަރެވެ. މިއީ 88 ދީނީ އިލްމުވެރިންގެ މަޖިލީހަކުން އައްޔަންކުރާ ބޭފުޅެކެވެ. އޭނާ އިންތިހާބީ ރައީސްގެ މަސައްކަތްތައް ބަލަހައްޓަވާއިރު، ރިވަލޫޝަނަރީ ގާޑްސް ފަދަ ބާރުގަދަ އަސްކަރީ އަދި ސިޔާސީ މުއައްސަސާތައް ސީދާ ކޮންޓްރޯލް ކުރައްވަނީ ވެސް އޭނާ އެވެ.
އީރާނުގެ ފުރަތަމަ ސްޕްރީމް ލީޑަރު އާޔަތުﷲ ޚުމައިނީއަކީ އިންގިލާބުގެ ލީޑަރުގެ ގޮތުގައި އެންމެންގެ އިހުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަށް ފަހު ވަޑައިގެންނެވި އަލީ ޚާމަނާއީއަކީ އެއަށްވުރެ ދީނީ ގޮތުން ދަށް ބޭފުޅެއް ނަމަވެސް، 1989 އިން ފެށިގެން އޭނާ ވަނީ ރިވަލޫޝަނަރީ ގާޑްސްގެ ބާރުވެރިކަން ބޭނުންކޮށްގެން އަމިއްލަ ނުފޫޒު ވަރުގަދަކުރައްވާފަ އެވެ.
ނަމަވެސް މޮޖުތަބާއަށް އެފަދަ ފުރިހަމަ ބާރެއް އަދި ލިބިފައިނުވާ ކަމަށް އިސް މަސްދަރުތަކުން ބުނެ އެވެ. ބައްޕާފުޅު އަވަހާރަވުމާ ގުޅިގެން އޭނާ އެ މަގާމަށް ގެނައުމުގައި އިސް ދައުރެއް އަދާކުރި ރިވަލޫޝަނަރީ ގާޑްސްއަކީ މިހާރު ހަނގުރާމައިގެ މުހިންމު ނިންމުންތައް ނިންމުމުގައި އެންމެ ބާރުގަދަ ފަރާތެވެ.
ބައްޕާފުޅުގެ އޮފީހުގައި މޮޖުތަބާ ވަނީ ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވައި، ރިވަލޫޝަނަރީ ގާޑްސްގެ އިސްވެރިންނާ ގާތް ގުޅުމެއް އުފައްދަވާފަ އެވެ. އެހެންކަމުން އޭނާ ގެންގުޅުއްވާނީ ބައްޕާފުޅުގެ ހަރުކަށި ސިޔާސަތުތައް ކަމަށް ބެލެވުނު ނަމަވެސް، ބައިނަލްއަގުވާމީ ކަންކަމުގައި އޭނާގެ އަމިއްލަ ވިސްނުންފުޅު ހުރި ގޮތެއް އަދި ސާފެއް ނުވެއެވެ.
ސްޕްރީމް ލީޑަރުގެ ހައިސިއްޔަތުން މޮޖުތަބާގެ ފުރަތަމަ ބަޔާން ނެރުނީ މާޗް 12 ގައެވެ. ޓީވީން ކިޔައިދިން އެ ބަޔާނުގައި އޭނާ ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ބޭއްވުމަށާއި، ސަރަހައްދީ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ބަންދުކުރުމަށް ގޮވާލައްވާފަ އެވެ. އޭގެ ފަހުން ނެރުނު ކުރު ބަޔާންތަކެއް ފިޔަވައި، ހަނގުރާމައާއި، ޚާރިޖީ ސިޔާސަތާއި، އަދި އެތެރެވަރީގެ ކަންކަމާ ގުޅޭގޮތުން އިސްކޮށް ވާހަކަދައްކަވަނީ އީރާނުގެ އެހެން އިސް މަސްއޫލުވެރިންނެވެ.
އޮމެގާ 3: ކެއުމުގައި ހިމެނުން މުހިއްމު މާއްދާއެއް!
އުއްބައްތީގެ ހުޅުކޮޅަށް ނޫރު ބަލާފޫހި ނުވޭ