އަދަދު ނޫހުގެ އޮފީސް ރެއިޑުކޮށް ނޫސްވެރިކަން ކުރަން ބޭނުންކުރާ ހުރިހާ ސާމާނެއް ފުލުހުން ގެންދިޔަ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވައިފި އެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި ގާނޫނީ އިމުގެ ތެރެއިން މުދާ ހިފެހެއްޓުމާ ގުޅޭ ގޮތުން ބޮޑެތި ސުވާލުތަކެއް އުފެދިފައިވާ މި މައްސަލަ އަދަދު ނޫހުން ކޯޓަށް ހުށަހެޅީ ފުލުހުންގެ އަމަލުތައް ހުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ. އެގޮތުން ތަންތަން ބަލައި ފާސްކުރުމުގެ އަމުރެއްގެ ދަށުން ހިފެހެއްޓޭނީ ހަމައެކަނި ކުށާ ގުޅުންހުރި ހެއްކެއްގެ ގޮތުގައި ސީދާ ދެނެގަނެވޭ ތަކެތި ކަމަށާއި، ވަކި ގޮތެއް ނޭނގޭ މުދާ ހިފެހެއްޓޭނީ "ސީޒް އޯޑަރެއް" އޮވެގެން ކަމަށް އެ ނޫހުގެ ފަރާތުން ފާހަގަކުރެ އެވެ. އަދި ނޫސްވެރިކަމުގެ ސާމާނުތައް ހިފެހެއްޓުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 36 ވަނަ މާއްދާއާ ހިލާފު ކަމެއްގެ ގޮތުގައި އަދަދު ނޫހުން ސިފަކުރެއެވެ.
މި މައްސަލައިގެ ފެށުމަކީ މާޗު 28 ގައި އެ ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަކަށް ހެކި ހޯދުމުގެ ނަމުގައި، އެޕްރީލް 27 ގައި ކޯޓު އަމުރަކާއެކު އޮފީހަށް ވަދެގަތުމެވެ. ޓޭޒާ ބަޑި ހިފައިގެން ތިބި ފުލުހުން ހިމެނޭހެން 10 އޮފިސަރުން ތިބި ފުލުހުންގެ ޓީމަކުން ހަތަރު ގަޑިއިރު ވަންދެން ހިންގި އެ ރެއިޑުގައި، ލެޕްޓޮޕްތަކާއި ހާޑް ޑްރައިވްތައް ހިމެނޭހެން 20 ޑިވައިސްއެއް ގެންދިޔަ އެވެ.
މި ޑޮކިއުމެންޓްރީގެ ވާހަކަ ދެއްކުން މަނާކުރި އަމުރާ ޚިލާފުވި ކަމަށް ބުނެ އެ ނޫހުގެ ދެ ނޫސްވެރިއަކު ޖަލުގައި ބަންދުކުރިއިރު، ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ދަނީ ޝަރީއަތް ހިންގަމުންނެވެ. މިހާރު މި މައްސަލައިގެ އަޑުއެހުންތައް ނިމިފައިވާއިރު، ދެން އޮންނާނީ ހުކުމް އިއްވުމުގެ ޝަރީއަތް ނަމަވެސް އެ މަޖިލިސް ބާއްވާނެ ވަކި ތާރީޚެއް ކޯޓުން އަދި ކަނޑައެއް ނާޅައެވެ.
އީސީން އިސްތިއުފާދިނީ މިނިވަން މާހައުލެއް ނެތުމުން: ޝަކީލް
"ބްރޭކިން ބޭންޑް"ގެ ތަރި ގިއަންކާލޯ އިސްލާމް ވެއްޖެ
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރަން: އީރާން