އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިނުމާ އެކު ފެށިފައިވާ ހަނގުރާމައަށް ފަހު، ފުރަތަމަ ފަހަރަށް އެމެރިކާގެ ހަނގުރާމަމަތީ ދެ މަނަވަރު ހޮރްމޫޒް ކަނޑުއޮޅިން އެއްވެސް ނުރައްކަލަކާ ނުލައި ދަތުރުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ދަތުރުގެ މަޝްވަރާތައް އީރާނުގެ ކަމާބެހޭ ފަރާތްތަކާ ކޮށްފައި ނުވާ ކަމަށް އެމެރިކާގެ މީޑިއާ އައުޓްލެޓެއް ކަމަށްވާ އެކްސިއޯސްއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެމެރިކާގެ ކަނޑުގެ ސިފައިންގެ ގައިޑެޑް-މިސައިލް ޑިސްޓްރޯޔާ މަނަވަރުތައް އެ ކަނޑުއޮޅިން ދަތުރުކުރިއިރު އެއްވެސް ހުރަހެއް ދިމާނުވާ ކަމަށް، އެމެރިކާގެ ތިން އޮފިޝަލަކާ ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލްއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، އެމެރިކާއިން މިހާރު ދަނީ ކަނޑުއޮޅިން "މައިނުތައް ނައްތާލައި ސާފުކުރުމުގެ މަސައްކަތް" ކުރަމުން ކަމަށެވެ.
ޓްރަމްޕްގެ 'ޓްރުތް ސޯޝަލް' ޕްލެޓްފޯމްގައި ވިދާޅުވި ގޮތުގައި، މި މަސައްކަތަކީ ޗައިނާ، ޖަޕާން އަދި ފްރާންސް ފަދަ ގައުމުތަކަށް އެމެރިކާއިން ކޮށްދޭ ހެޔޮކަމެކެވެ.
ސަބަބަކީ އެ ގައުމުތަކުގެ އަމިއްލަ ހިތްވަރެއް ނުވަތަ މަގްސަދެއް މި މަސައްކަތް ކުރުމަށް ނެތުމުން ކަމަށް އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެން މިހާރު މި ފަށަނީ ހޮރްމޫޒް ކަނޑުއޮޅި ސާފުކުރުމުގެ މަސައްކަތް،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުއޮޅީގައި އީރާނުން އަޅާފައިވާ މައިނުތަކުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް ޓްރަމްޕް ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އީރާނަށް އޮތް ހަމައެކަނި އުއްމީދަކީ ކޮންމެވެސް މަނަވަރެއް އެމީހުންގެ ކަނޑު މައިނެއްގައި ޖެހުމެވެ. އަދި މި ހަނގުރާމައިގައި އީރާނަށް ކުރިމަތިވަމުން ދަނީ ބޮޑު ބައްޔެއް ކަމަށް ވެސް އޭނާ ތަކުރާރުކުރެއްވި އެވެ.
އެމެރިކާ އާއި އިޒްރޭލުން ފެބްރުއަރީ 28 ގައި އީރާނަށް ބޮން އަޅަން ފެށި ފަހުން މި ކަނޑުއޮޅި އޮތީ ބަންދުކޮށްފަ އެވެ. ނަމަވެސް، މި ހަފުތާގެ ކުރީކޮޅު ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ކަނޑުއޮޅި އަލުން ހުޅުވުމަށް ވަނީ ނިންމައިފަ އެވެ. މި ރިޕޯޓްތަކާ ގުޅޭގޮތުން އޭއެފްޕީން ސުވާލުކުރުމުން އެމެރިކާގެ ރަސްމީ އިދާރާތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް އަރުވާފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގުސަދުގައި، އީރާނާއި އެމެރިކާގެ އިސް އޮފިޝަލުން ހޮނިހިރު ދުވަހު ޕާކިސްތާނުގައި މަޝްވަރާތައް ވަނީ ފަށައިފަ އެވެ. މި މަޝްވަރާތަކަކީ މެދުއިރުމަތީގެ މަސްރަހު ފިނިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.
އީރާނާއި އެމެރިކާގެ ސުލްހައިގެ މަޝްވަރާތައް ނާޒުކު ފައްތަރެއްގައި
މެތިއުއަށް މަސްތުވާތަކެެތި ވިއްކި ފަރާތް 15 އަހަރަށް ޖަލަށް!
ހާމަނާއީ އަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެފި