ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާ ގުޅިގެން ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އައްޑޫގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު ފާޅުކުރައްވައިފި އެވެ.

ސޯބެ މިއަދު ވިދާޅުވީ ސިޔާސީގޮތުން އިތުރު ހަރުފަތަކަށް ދިޔުމުގެ ފުރުސަތު ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ކުރައްވާނެ ކަމަށެވެ. އެގޮތުން މިހާރު ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަސްލަމް ވަނީ ބައި އިލެކްޝަންގައި ވާދަނުކުރައްވަން ނިންމަވާފަ އެވެ.

އެ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް ފާޅުކުރެއްވީ ސޯބެ އެކަންޏެވެ.

ސާބިތު ދަރަންޏެއް އޮވެ ހުކުމާއެއްގޮތަށް އެ ފައިސާ ދައްކާފައިނުވާކަން ސާބިތުވާތީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ހުކުމްކޮށްފަ އެވެ.

އެ ދާއިރާއަށް ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން އެއްވެސް ބޭފުޅަކު މިހާތަނަށް ޝައުގުވެރިކަންފާޅުކޮށްފައެއްނުވެ އެވެ.