ހަނގުރާމަ ހުއްޓާލުމާ ގުޅޭގޮތުން އެމެރިކާއާއި އީރާނާ ދެމެދު އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން، އީރާނުން ތެޔޮ ބޭރުކުރުން ހުއްޓުވުމަށްޓަކައި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ތައްޔާރުވާން ފެށުމާއެކު، ހޯމަ ދުވަހު ތެލުގެ އަގު ފީފާއަކަށް 100 ޑޮލަރަށްވުރެ މައްޗަށް އަރައިފި އެވެ.

ބްރެންޓް ކްރޫޑްގެ އަގު 7.60 ޑޮލަރު ނުވަތަ 7.98 އިންސައްތަ މައްޗަށް ގޮސް، މިއަދު ފީފާއެއް ހުރީ 102.80 ޑޮލަރުގަ އެވެ. މިއީ ހުކުރު ދުވަހު އަގު ވެއްޓުނު 0.75 އިންސައްތައާ އަޅާބަލާއިރު ބޮޑު ތަފާތެކެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގު 8.31 ޑޮލަރު ނުވަތަ 8.61 އިންސައްތަ މައްޗަށް ގޮސް، މިހާރު ހުރީ ފީފާއެއް 104.88 ޑޮލަރުގަ އެވެ.

އެމްއެސްޓީ މާކީގެ އެނާޖީ ރިސާޗްގެ އިސްވެރިޔާ ސައުލް ކަވޮނިކް ވިދާޅުވި ގޮތުގައި، ބާޒާރުގެ ހާލަތު މިހާރު މިވަނީ ހަނގުރާމަ ހުއްޓާލުމުގެ ކުރިން އޮތް ހާލަތަށް ރުޖޫއަވެފަ އެވެ. ނަމަވެސް، މިހާރު އޮތް ތަފާތަކީ ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް އީރާނާ ގުޅުންހުރި ދުވާލަކު ގާތްގަނޑަކަށް 2 މިލިއަން ފީފާގެ ތެޔޮ ބޭރުކުރުން އެމެރިކާއިން ހުއްޓުވާނެ ކަމެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް އާދިއްތަ ދުވަހު ވިދާޅުވީ، އެމެރިކާގެ ކަނޑުގެ ސިފައިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރަން ފަށާނެ ކަމަށެވެ. މިއީ އީރާނާއެކު ކުރެވުނު ދިގު މަޝްވަރާތައް ނާކާމިޔާބުވެ، ދެ ހަފުތާގެ ދުވަސްވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނުރައްކަލުގެ ތެރެއަށް ވެއްޓުމާ ގުޅިގެން އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން، ނޮވެމްބަރު މަހުގެ މިޑްޓާމް އިންތިހާބާ ހަމައަށް ތެލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށް ހުރެދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނި ގޮތުގައި، އީރާނުގެ ބަނދަރުތަކަށް ވަންނަ އަދި ނުކުންނަ ހުރިހާ ކަނޑުގެ އުޅަނދުފަހަރު ހުއްޓުވުމުގެ މަސައްކަތް ހޯމަ ދުވަހުގެ ހެނދުނު ފަށާނެ އެވެ. އޭއެންޒެޑްގެ އެނަލިސްޓުން ކަމަށްވާ ބްރަޔަން މާޓިން އަދި ޑެނިއަލް ހައިންސް ފާހަގަކުރެއްވި ގޮތުގައި، މި ފިޔަވަޅުގެ ސަބަބުން ގަލްފުގެ ގައުމުތަކުން ތެޔޮ ބޭރުކުރުމަށް ހުރަސް އެޅުމުގެ އިތުރުން، އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުމުގެ ގާބިލުކަން ވެސް ހަނިވެ، ބާޒާރަށް ތެޔޮ ލިބުމުގައި މިހާރު ވެސް ހުރި ދަތިތައް އިތުރަށް ގޯސްވާނެ އެވެ.

އައިޖީ މާކެޓް އެނަލިސްޓް ޓޯނީ ސިކަމޯ ވިދާޅުވީ، މި ފިޔަވަޅުގެ ސަބަބުން އީރާނުގެ ތެޔޮ ބޭރުކުރުން އެއްކޮށް ހުއްޓުމަކަށް އަންނާނެ ކަމަށެވެ. އަދި މީގެ ސަބަބުން، ކަނޑުއޮޅި އަލުން ހުޅުވުމަށްޓަކައި އީރާނުގެ ބައިވެރިންނާއި ކަސްޓަމަރުންގެ ފަރާތުން އީރާނަށް ފިއްތުންތައް ކުރިމަތިވާނެ ކަމަށް އޭނާ ލަފާކުރެއްވި އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން އާދިއްތަ ދުވަހު ބުނީ، ހޮރްމޫޒް ކަނޑުއޮޅިއާ ކައިރިވާން މަސައްކަތްކުރާ ކޮންމެ އަސްކަރީ އުޅަނދަކީ އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވުން ކަމުގައި ބަލާނެ ކަމަށެވެ. އަދި އެފަދަ އުޅަނދުފަހަރާ މެދު ވަރަށް ހަރުކަށިކޮށް އަދި ފަސްޖެހުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ވެސް އިންޒާރު ދީފައިވެއެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި ވެސް، ތެޔޮ ބަރުކޮށްގެން އޮތް ތިން ސުޕަޓޭންކަރެއް ހޮނިހިރު ދުވަހު ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށްފައިވާ ކަމަށް ކަނޑުދަތުރުފަތުރުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށްފަހު ގަލްފުން ނުކުތް ފުރަތަމަ އުޅަނދުތަކެވެ. ނަމަވެސް ހޯމަ ދުވަހު، އީރާނުގެ ދިދަ ޖަހާފައިވާ އެއް އުޅަނދު ފިޔަވައި އެހެން އެއްވެސް އުޅަނދެއް އެ ސަރަހައްދުން ފެނިފައެއް ނުވެއެވެ.

މީގެ އިތުރުން، އީރާނުގެ ހަނގުރާމައިގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ހަކަތައިގެ ދާއިރާއަށް ލިބުނު ގެއްލުންތަކުގެ ވަޒަންކުރުމަކަށްފަހު، އެ ގައުމުގެ އީސްޓް-ވެސްޓް ޕައިޕްލައިން މެދުވެރިކޮށް ދުވާލަކު 7 މިލިއަން ފީފާގެ ތެޔޮ ފޮނުވުމުގެ ފުރިހަމަ ގާބިލުކަން އަލުން ހޯދާފައިވާ ކަމަށް އާދިއްތަ ދުވަހު ސައުދީން ބުނެފައިވެއެވެ.