ފްލެޓް އަޅައިދޭނެ ކަމަށްބުނެ ސީލައިފް ގްލޯބަލްއިން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ތުހުމަތު ކުރެވޭ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

އޭނާގެ މައްޗަށް ކުރި ހިޔާނާތުގެ 42 ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާތީ، އެ ހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެ މައްސަލަ ހައިކޯޓަށް ހުށަހެޅީ މިދިޔަ ހޮނިހިރު ދުވަހުއެވެ. ހައިކޯޓުގައި އެދިފައިވާނީ މި މައްސަލައިގެ ހެކި ގަރީނާ ކޯޓުން ވަޒަންކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށް ކަނޑައަޅައިދީ، މިއީ މަދަނީ މައްސަލައެއްކަމަށް ކޯޓުން ކަނޑައަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

ސީލައިފުން ގިނަ ބައެއްގެ އަތުން ފައިސާ ނެގީ ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ސީލައިފް ގްލޯބަލްއާ 2014 ވަނަ އަހަރު ހަވާލު ކުރުމުން ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ފައިސާ ނެގުމަށްފަހު އެއްވެސް ފްލެޓެއް އަޅާފައެއް ނުވެ އެވެ. އެހެންވެ, އެ މީހުންނަށް ފަހުން ފްލެޓް ހަމަޖައްސައިދިނީ ސަރުކާރުންނެވެ.

އެ މައްސަލާގައި އައްމަޓީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެނިކޮށް ސްރީލަންކާއިން އޭނާ ހައްޔަރު ކުރުމަށް ފަހު 2021 ވަނަ އަހަރު ރާއްޖެ ގެނެސް, ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް ދައުލަތުން އޭނާގެ މައްޗަށް ކުރި އެވެ.