ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދިން ބައެއް ވަޒީރުން ހިމަނައިގެން އަލުން ކެބިނެޓް އެކުލަވާލައި ރިފޯމް ކޮމިޝަނެއް ހަދަން ނިންމާފައިވާ ކަމަށް އިތުބާރު ހުރި ގޮތަކަށް އެނގިއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގެ އެންމެ މުހިންމު ވަޒީރުންތަކެއް ހިމެނޭހެން ދިހަ ބޭފުޅަކު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

ނަން ނުޖެހުމަށް އެދި "ހުރިހާ"އާ ވާހަކަދެއްކެވި ކުރީގެ ވަޒީރަކު ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އެއްވެސް ސަބަބެއް އޮވެގެނެއް ނޫން ކަމަށެވެ. އަދި އަލުން މަގާމަކަށް ނުގެންދަވާނެ ކަމެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިވަގުތު ގޭގައި މަޑުކޮށްގެން މިހުރީ ވާގޮތެއް ބަލަން. އަލުން ކެބިނެޓަށް ދިއުމާ ދޭތެރޭ ނުވިސްނަން،" އެ ބޭފުޅާ ވިދާޅުވި އެވެ.

ކުރީގެ އެ ވަޒީރު ވިދާޅުވީ ބައެއް ބޭފުޅުން ހިމަނައިގެން ކެބިނެޓް އަލުން އެކުލަވާލަން ރައީސް މުއިއްޒު މަސައްކަތް ކުރައްވަމުން އެބަގެންދަވާ ކަަމަށެވެ. ނަމަވެސް އެކަމަށް ހޭދަވާނީ ކިހާ ދުވަހެއް ކަމެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ހިންގުން ހަރުދަނާ ކުރަން ބޮޑު ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފައި އޮތީ. ދެން އެ ގެންނަވާ ބަދަލެއް އެނގޭނީ ރައީސަށް،" ކުރީގެ ވަޒީރު ވިދާޅުވި އެވެ.

ރައީސް މުހައްމަދު މުއިއްޒު ކެބިނެޓަށް ފުރަތަމަ އައްޔަންކުރި މިނިސްޓަރުން މަގާމުގެ ހުވާ ކުރައްވަނީ. އޭގެ ތެރެއިން 10 މީހަކު ވަނީ މަގާމުން އިސްތިއުފާ ދީފައި. ފޮޓޯ: ރައީސް އޮފީސް

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒު ވަނީ ރީފޯމް އެޖެންޑާއެއް އެކުލަވާލައި ރިޔާސީ ކޮމިޝަނެއް އުފެއްދުމަށް ނިންމަވައިފަ އެވެ. އަދި އެ ކޮމިޝަނުން ސިޔާސީ ބައެއް ބޭފުޅުންގެ މައްޗަށް އެކި ކަހަލަ ތަހުގީގުތައް ހިންގަވަން ރާވަމުންދާކަން ވެސް އެނގިފައިވެ އެވެ.

ރައީސް އޮފީހުން ބުނީ ކެބިނެޓް ދިހަ ވަޒީރުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށެވެ.