ކުށުގެ ވެށީގައި އުޅޭ ބިދޭސީންނާއި ކުށްތަކަށް އަރައިގަންނަ ބިދޭސީން ޑީޕޯޓް ކުރުމާއި ގުޅޭ ގޮތުން އިމިގްރޭޝަނާއެކު ފުލުހުން މަޝްވަރާކޮށްފި އެވެ.
ފުލުހުން ބުނީ ބިދޭސީން ކުށުގެ ވެށީގައި ހަރަކާތްތެރިވަމުންދާ ގޮތާއި އެމީހުންގެ ފަރާތުން މުޖުތަމައަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ފުރިހަމަ މައުލޫމާތު މިހާރު އިމިގްރޭޝަނާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
ބިދޭސީން އާންމުކޮށް ރާއްޖޭގައި ކުރާ ކުށްތަކަކީ ލޯ ނަރުގެ ވައްކަމާއި މަސައްކަތްކުރާ ސައިޓްތަކުގައި ހުންނަ އިލެކްޓްރިކް ސާމާނު ވަގަށް ނަގައި އެތަކެތި ވިއްކުމެވެ. އަދި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރުމެވެ. ބިދޭސީންގެ ތެރެއިން ގިނަ ފަހަރު ކުށްތަކަށް އަރައި ގަންނަނީ ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ލިޔެކިޔުންތައް ނެތުމުގެ ސަބަބުން ސައްހަ މައުލޫމާތު ކަށަވަރުކުރުމުގައި ބޮޑެތި ގޮންޖެހުންތައް ދިމާވާކަމާއި އެމީހުން ގައުމުން ފޮނުވާލުމުގައި ލަސް ވާތީ އެ މީހުންނަށް ކުށުގެ ވެށީގައި އުޅުމުގެ ޖާގަ ތަނަވަސްވެގެންދެ އެވެ.
އެ ހުރިހާ ކަމަކަށް މަޝްވަރާކުރުމަށްފަހު އިމިގްރޭޝަނުން ބުނީ އެކަންކަމަށް އެޅެން ހުރި ފިޔަވަޅުތައް ދެނެގަނެ އަވަސް ފިޔަވަޅެއް އަޅާނެ ކަމަށެވެ.
ކުށްކުރާ ބިދޭސީން އިތުރުވެފައިވާއިރު ގާނޫނީ ބޮޑެތި ކުށްތަކުގައި އެތައް ބިދޭސީން ފުލުހުންގެ ހައްޔަރުގައި އަދި ކަރެކްޝަނަލް ސާވިސަސްގެ ހައްޔަރުގައި އެބަތިއްބެވެ. އޭގެތެރޭގައި މީހުން މެރުމުގެ ކުށުގައްޔާއި، ޖިންސީ ގޯނާ އަދި ހަށި ވިއްކުމުގެ ކުށުގައި ގިނަ ބިދޭސީން ހައްޔަރުގައި އެބަ ތިއްބެވެ.
ތި ކަމެއްނުވާނެ. ރައްޔިތުންނަށް ތީ ތާއަބަދު އިވޭ އަދު ތަކެއް. ޒިކުރާ މިސްކިތް ކައިރިން ފެށިގެން ތި އަޅާ ފިޔަވަޅުތައް ކޮންމެ ދުވަހަކު ފެނޭ.