މެދުއިރުމަތީގައި ތިބި އެމެރިކާގެ ފައުޖުތައް އޮތީ، އީރާނުން ސުލްހައިގެ އެއްބަސްވުމަކަށް އެއްބަސްނުވެއްޖެ ހާލަތެއްގައި، ވަގުތުން ހަނގުރާމައިގެ އޮޕަރޭޝަންތައް ފެށޭނެ ފަދަ ތައްޔާރީ ހާލަތެއްގައި ކަމަށް ބުރާސްފަތި ދުވަހު ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެއްޖެ އެވެ.
އީރާނަށް ބާރުބޮޑުކޮށް އެއްބަސްވުމެއްގައި ސޮއިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމެރިކާގެ އަސްކަރިއްޔާއިން މިހާރު ދަނީ އީރާނަށް ވަންނަ އަދި އެ ގައުމުން ބޭރުވާ ހުރިހާ އުޅަނދުފަހަރެއް ހުއްޓުވުމަށް "ބްލޮކޭޑް" އެއް ނުވަތަ ކަނޑުގެ މަގުތައް ބަންދުކުރުމުގެ ހަރަކާތްތަކެއް ހިންގަމުންނެވެ.
ޕެންޓަގަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވީ، އީރާނުގެ ރައްޔިތުންގެ ހައްގުގައި އެ ގައުމަށް އޮތީ އުޖާލާ މުސްތަގުބަލެއް އިހްތިޔާރުކުރުމުގެ ފުރުސަތު ކަމަށާއި، އެމެރިކާއިން އެދެނީ އެ ގައުމުން އެ މަގު އިހްތިޔާރުކުރުން ކަމަށެވެ. "ނަމަވެސް އީރާނުން ނުބައި ގޮތެއް އިހްތިޔާރުކޮށްފިނަމަ، އެ ގައުމުގެ ކަނޑުގެ މަގުތައް ބަންދުކޮށް، އިންފްރާސްޓްރަކްޗަރާއި، ކަރަންޓާއި ހަކަތަ އުފައްދާ މަރުކަޒުތަކަށް ބޮން އަޅާނެ،" އޭނާ ވިދާޅުވި އެވެ.
އީރާނާއެކު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަކާ ހަމައަށް ދެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުދަ ދުވަހު ބުނެފައިވާއިރު، އީރާނުން އެއްބަސްވުމަށް ދެކޮޅު ހަދާނަމަ އިގްތިސާދީ ފިއްތުންތައް ކުރިއަށްވުރެ އިތުރުކުރާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.
އީރާނުގެ ލީޑާޝިޕަށް މުހާތަބުކުރައްވައި ހެގްސެތު ވިދާޅުވީ، މިއީ ހަމަހަމަ ކުރިމަތިލުމެއް ނޫން ކަމަށާއި، އީރާނުގެ އަސްކަރީ ވަސީލަތްތައް ހުރި ތަނާއި އެ ތަކެތި ހަރަކާތްތެރިވާ ގޮތް އެމެރިކާއަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވިދާޅުވީ، އެމެރިކާގެ ފައުޖުތައް އޮތީ "ކުއްލި ސިކުންތެއްގެ ތެރޭގައިވެސް" ބޮޑު ހަނގުރާމައަކަށް ނުކުތުމަށް ތައްޔާރަށް ކަމަށެވެ. އަދި އީރާނުގެ ދިދަ ޖަހާފައިވާ އެއްވެސް އުޅަނދެއް ނުވަތަ އެ ގައުމަށް އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރާ ކޮންމެ އުޅަނދެއް އެމެރިކާގެ ކަނޑުގެ ސިފައިން ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ބްލޮކޭޑް ފޫއަޅުވާލަން މަސައްކަތްކުރާ އުޅަނދުތައް ހުއްޓުވައި، އެ އަމުރަށް ނުކިޔަމަންތެރިވާނަމަ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. މި އަމުރު ތަންފީޒުކުރާނީ އީރާނުގެ ކަނޑުގެ ސަރަހައްދުގައާއި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށްވެސް ކޭން ފާހަގަކުރެއްވި އެވެ.
މިހާތަނަށް 13 އުޅަނދަކުން ބްލޮކޭޑް ފޫއަޅުވާލުމުގެ ބަދަލުގައި އަނބުރާ ގޮސްފައިވާ ކަމަށާއި، ނަމަވެސް އަދި އެއްވެސް އުޅަނދަކަށް ސިފައިން އަރާފައިނުވާ ކަމަށް ކޭން ވިދާޅުވި އެވެ.
އިޓަލީން އިޒްރޭލާއެކު އޮތް ދިފާއީ އެއްބަސްވުން މެދުކަނޑާލައިފި
ހައްލުނުވި މާލޭގެ މަގުތަކުގެ ހާލަތު: ވިއްސާރައާއެކު ގޯހުން ގޯހަށް
މިޔަރު ހަމަލާގައި އަނިޔާވި ފަތުރުވެރިޔާގެ ފައެއް ބުރިކޮށްލައިފި