އީރާނާއެކު އޮތް ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރައްވާފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރައްވައިފި އެވެ.
ޓްރަމްޕް މިރޭ އެކަން އިއުލާން ކުރައްވަމުން ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި އީރާނުން ހުށަހެޅުމެއް ތައްޔާރުކުރުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން، އެމެރިކާގެ އަސްކަރިއްޔާއިން ދޭން ރާވާފައިވާ ހަމަލާތައް މިވަގުތަށް މަޑުޖައްސާލާނެ ކަމަށެވެ.
އަންގާރަ ދުވަހު މި ނިންމުން ނިންމެވީ މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުގެ އެދުމުގެ މަތިން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ، މި އެއްބަސްވުމުގެ މުއްދަތު ބުދަ ދުވަހަށް ހަމަވާނެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ އީރާނުން ހުށަހަޅާ ހުށަހެޅުން ލިބި، މަޝްވަރާތައް ވަކި ކޮޅަކަށް ނިމެންދެން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރު ކުރުމަށާއި، ނަމަވެސް ބްލޮކޭޑް ކުރިއަށް ގެންދިއުމަށާއި، އަދި އަސްކަރިއްޔާ އޮންނަން ޖެހޭ ފަދަ ތައްޔާރީ ހާލަތެއްގައި ބޭއްވުމަށް މިހާރު ވާނީ އަމުރުކޮށްފައި ކަމަށެވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް އީރާނުން އަދި ރައްދެއް ދީފައެއް ނުވެ އެވެ. ނަމަވެސް އެ ގައުމުގެ ތަސްނީމް ނިއުސް އެޖެންސީން ބުނެފައި ވަނީ އީރާނުގެ ރަސްމީ ނިންމުން ފަހުން ހާމަކުރާނެ ކަމަށެވެ.
މި ޕޯސްޓް ކުރެއްވުމުގެ ގަޑިއިރުތަކެއް ކުރިން ޓްރަމްޕް ވިދާޅުވެފައިވަނީ، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމާ ދެކޮޅު ކަމަށާއި، އީރާނަށް އޮތް ވަގުތު ހުސްވަމުންދާ ކަމަށް ވިދާޅުވެ އިންޒާރު ވެސް ދެއްވާފަ އެވެ.
ޓްރަމްޕްގެ ނިންމެވުން މި ބަދަލުވީ، އީރާނުގެ ބަނދަރުތައް އެމެރިކާގެ ކަނޑުގެ ސިފައިން ބަންދުކޮށްފައި އޮތް އޮތުން އެ ގައުމުގެ އިސްވެރިން ކުށްވެރިކޮށް، ބުދަ ދުވަހު ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގައި ބައިވެރިވުމާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
އީރާނުގެ ޕޯޓްތަކަށް އެމެރިކާއިން ހުރަސް އަޅާގޮތަށް އޮތް ނަމަވެސް، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މުއްދަތު އިތުރުކުރުމުން އިސްލާމްއާބާދުގައި ބާއްވާ މަޝްވަރާގެ މޭޒަށް އީރާނު އަންނާނެތޯ އަދި އޮތީ ސުވާލު އުފެދިފަ އެވެ.
އަންގާރަ ދުވަހުގެ ކުރީކޮޅު އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ އީރާނުގެ ބަނދަރުތައް ހިސާރުކުރުމަކީ ހަނގުރާމައިގެ އަމަލެއް ކަމަށާއި، އެއީ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ. އަރަގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޅާފައިވާ ހުރަސްތައް ނައްތާލާނެ ގޮތާއި، ގައުމުގެ މަސްލަހަތު ދިފާއުކުރާނެ ގޮތް އަދި ބިރުދެއްކުންތަކަށް ރައްދު ދޭނެ ގޮތް އީރާނަށް އެނގޭ ކަމަށެވެ.
އެމެރިކާގެ އިންޒާރުތަކާއި ކަނޑުގެ ހިސާރު ގަބޫލު ނުކުރުމަށް އީރާނުގެ ގިނަ އޮފިޝަލުން ވިދާޅުވަމުން ގެންދެވި ނަމަވެސް، ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި އީރާނުގެ ވެރިކަމުގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގެ ސަބަބުން ޑިޕްލޮމެޓިކް މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފަ އެވެ.
ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ އީރާނުގެ ސަރުކާރުގެ ތެރޭގައި ބޮޑެތި ބައިބައިވުންތަކެއް އުފެދިފައިވާތީއާއި، ޕާކިސްތާނުގެ ފީލްޑް މާޝަލް އާސިމް މުނީރު އަދި ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެދިވަޑައިގަތުމުގެ މަތިން، އީރާނުގެ ލީޑަރުންނަށް އެއްގަލަކަށް އެރިފައިވާ ހުށަހެޅުމެއް ތައްޔާރުކުރެވެންދެން، އެ ގައުމަށް ދޭން އުޅޭ ހަމަލާ މަޑުޖައްސާލުމަށް އޭނާގެ ކިބައިން އެދިފައިވާ ކަމަށެވެ.
ކޯޗެއްލާގެ ހުށައެޅުމާއެކު ލިސާއަށް ފާޑު ކިޔަނީ!
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ވީޑިއޯ ވިއްކާ މީހަކު ހައްޔަރަށް
އެމެރިކާއާއެކު މަޝްވަރާއަށް ދިއުމާ މެދު ގޮތެއް ނުނިންމަން: އީރާން