އީރާނުން ހޮރްމޫޒް ކަނޑުއޮޅިން ދެ އުޅަނދެއް މިއަދު ހިފަހައްޓައިފި އެވެ. މިއާއެކު، މުހިންމު މި ކަނޑުގެ ސަރަހައްދުގެ މައްޗަށް އީރާނުން އޮތް ބާރުވެރިކަން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނަށް ދެމުންދިޔަ ހަމަލާތައް ވަކި މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލުމަށް ނިންމެވި ނަމަވެސް، ސުލްހައިގެ ވާހަކަތައް އަލުން ފެށޭނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ.
އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ބުނި ގޮތުގައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ދެ އުޅަނދެއް ހިފެހެއްޓީ ކަނޑުދަތުރުފަތުރުގެ ގަވާއިދުތަކާ ހިލާފުވުމުންނެވެ. އަދި އެ އުޅަނދުތައް މިހާރު ވަނީ އީރާނުގެ އައްސޭރިފަށަށް ގެންގޮސްފަ އެވެ. މިއީ ފެބުރުއަރީ މަހުގެ ފަހުކޮޅު ހަނގުރާމަ ފެށުނު ފަހުން އީރާނުން އުޅަނދުތަކެއް ހިފެހެއްޓި ފުރަތަމަ ފަހަރެވެ. ރިވޮލިއުޝަނަރީ ގާޑްސްގެ ކަނޑުގެ ސިފައިން ވަނީ، ކަނޑުއޮޅީގެ އަމާންކަމާއި ރައްކާތެރިކަމަށް ހުރަސްއެޅޭ ކޮންމެ ކަމަކީ ރަތް ރޮނގެއް ކަމަށް ބަލާނެ ކަމުގެ އިންޒާރު ދީފައެވެ.
މިއަދު މީގެ ކުރިން އިނގިރޭސިވިލާތުގެ މެރިޓައިމް ސެކިއުރިޓީ އެޖެންސީއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތިން އުޅަނދަކަށް ވަނީ ހަމަލާތަކެއް އަމާޒުވެފަ އެވެ.
ޓްރަމްޕް ސޯޝަލް މީޑިއާގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޕާކިސްތާނުގެ މެދުވެރިންގެ އެދުމުގެ މަތިން އީރާނަށް ދޭ ހަމަލާތައް ވަގުތީ ގޮތުން މަޑުޖައްސާލުމަށް އެމެރިކާއިން އެއްބަސްވެފައިވާ ކަމަށެވެ. އެއީ އީރާނުގެ ވެރިންނާއި މަންދޫބުން އެއްބަސްވެވޭ ފަދަ ހުށަހެޅުމަކާއިގެން އަންނަންދެން ނުވަތަ މަޝްވަރާތައް ވަކި ކޮޅެއްގައި ޖެހެންދެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، އެއްފަރާތުން ހަމަލާ ދިނުން ހުއްޓާލިކަން އިއުލާނު ކުރި އިރުވެސް، އީރާނުގެ ކަނޑުމަތީގެ ވިޔަފާރި ބަންދުކުރުމަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެމެރިކާއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ މުދާ އުފުލާ ބޯޓަކަށް ހަމަލާދީ ހިފަހައްޓާފަ އެވެ. އަދި އަންގާރަ ދުވަހު އިންޑިއާ ކަނޑުން އީރާނުގެ ތެޔޮ ބޯޓަކަށް ވެސް ވަނީ އަރާފަ އެވެ.
އީރާނުން ދެކޭ ގޮތުގައި އެމެރިކާގެ މި ބްލޮކޭޑަކީ ހަނގުރާމައިގެ އަމަލެކެވެ. އަދި އެކަން ކުރިއަށްދާހާ ހިނދަކު، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ނުގެންނާނެ ކަމަށް އީރާނުން ބުނެއެވެ.
ނާކާމިޔާބީއާ އެކުވެސް ވާހަކަތައް ބޭއްވުމަށް ޕާކިސްތާނުން މަސައްކަތް ކުރަނީ
މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ދަނީ ދެ ފަރާތް މަޝްވަރާގެ މޭޒަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހުނު އެންމެ ފަހު ވަގުތުގެ މަޝްވަރާތަކަށް ދެ ފަރާތުންވެސް ހާޒިރުވެފައެއް ނުވެއެވެ. އިސްލާމްއާބާދުގެ ލަގްޒަރީ ހޮޓަލެއް މި މަޝްވަރާތަކަށް ތައްޔާރުކުރި ނަމަވެސް، އީރާނުން އެ ދައުވަތު ރަސްމީކޮށް ގަބޫލުކޮށްފައެއް ނުވެއެވެ. އަދި އެމެރިކާގެ ވަފުދުވެސް ވޮޝިންގްޓަނުން ފުރާފައެއް ނުވެއެވެ.
ޕާކިސްތާނުގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ބުނީ، މަޝްވަރާތަކަށް ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި، ދެ ފަރާތުން ހާޒިރު ނުވުމަކީ ހީނުކުރާ ފަދަ ބޮޑު ނާކާމިޔާބީއެއް ކަމަށެވެ.
އީރާނުގެ އިސް އޮފިޝަލުން ޓްރަމްޕްގެ ހަމަލާ ހުއްޓާލުމުގެ އިއުލާނަށް އަދި ރަސްމީކޮށް ރައްދު ދީފައެއް ނުވެއެވެ. ނަމަވެސް ތެހެރާނުގެ ބައެއް ފަރާތްތަކުން ވަނީ ޓްރަމްޕްގެ ވާހަކަތަކާމެދު ޝައްކު އުފައްދާފަ އެވެ. އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފްގެ މުޝީރަކު ވިދާޅުވީ، ޓްރަމްޕްގެ މި އިއުލާނަކީ އޮޅުވާލުމެއް ކަމަށް ވެދާނެ ކަމަށެވެ.
އީރާނުގެ ހަމަލާތަކުގައި ކޮންޓެއިނަރު އުފުލާ ބޯޓަކަށް ގެއްލުން ލިބިފައިވޭ
ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ އެ ގައުމުގެ ހުއްދަނެތި ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދީ، ހޮރްމޫޒް ކަނޑުއޮޅި އެހެން ގައުމުތަކަށް ބަންދުކޮށްފަ އެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރަނީ މި މަގުންނެވެ. ބުދަ ދުވަހު އިނގިރޭސި ސެކިއުރިޓީ އެޖެންސީން ބުނީ، އޯމާންގެ އިރުއުތުރުން ދަތުރުކުރި ބޯޓަކަށް އީރާނުގެ ބޯޓަކުން ބަޑިއާއި ރޮކެޓުން ހަމަލާދީ، އެ ބޯޓުގެ ބްރިޖަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.
މުހިންމު މައްސަލަތަކުގައި ހިޔާލުތަފާތުވުންތައް އަދިވެސް އެބައޮތް
އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކާއި ފާލަންތަކަށް ބޮން އެޅުމަށް ޓްރަމްޕް ދެއްވަމުން ގެންދެވި އިންޒާރުތައް، އެންމެ ފަހު ވަގުތު އޭނާ ވަނީ މަޑުޖައްސާލާފަ އެވެ. އދ. އިން ބުނާ ގޮތުގައި އެފަދަ ހަމަލާތަކަކީ ހަނގުރާމައިގެ ކުށަކަށް ވެދާނެ އެވެ. އީރާނުން ވަނީ އެ ގައުމުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީފިނަމަ، އަވަށްޓެރި އަރަބި ގައުމުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ.
މި ހަމަނުޖެހުންތަކާ ގުޅިގެން ތެލުގެ އަގު ވަނީ އަނެއްކާވެސް އުފުލެން ފަށާފަ އެވެ. އީރާނުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށާއި، ހަނގުރާމައިގެ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އަދި ހޮރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރު އީރާނަށް އޮތްކަން ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުކުރުމަށްވެސް އީރާނުން ބޭނުންވެ އެވެ.
ގައުމީ ޔުނިވާސިޓީގެ ދަނާލުގައި ދަރިވަރަކު މަރުވެއްޖެ
ލޭގެ ޕްރެޝަރު މަތިވުމުގައި މައްސަލައަކީ ހަމައެކަނި ލޮނެއް ނޫން!
މޫދަށް ވައްޓާލައިގެން ލިޓަން މަރާލި ނިޒާމް އުމުރަށް ޖަލަށް