އެންވަޔަރުމަންޓް މިނިސްޓަރު ކަމުގައި ހުންނެވި ޑރ. ހުސެއިން ރަޝީދު ހަސަން ފިޝަރީޒް މިނިސްޓަރަކަށް އަދި ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ އެންވަޔަރްމަންޓް މިނިސްޓަރަކަށް މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލު ކޮށްދެއްވައިފަ އެވެ. މި ދެބޭފުޅުން ވަނީ މިއަދު ރައީސް އޮފީހުގައި މަޤާމުގެ ހުވާ ކުރައްވާފައެވެ.

ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ރައީސް މިއަދު ވަނީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ ވެސް އުވާލައްވައި، އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރުމަންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވައިފަ އެވެ. އެޔާއެކު އެމިނިސްޓްރީގެ ނަން ވަނީ މިނިސްޓްރީ އޮފް އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަށް ބަދަލުކުރައްވާފަ އެވެ.

ޓެކްނޮލޮޖީ މިނިސްޓްރީގެ ވަޒީރަކަށް މިހާތަނަށް ހުންނެވީ މުހައްމަދު މަލީހް ޖަމާލެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމާ ގުޅިގެން އެ މިނިސްޓްރީގެ ވަޒީރުކަމުގައި މިހާތަނަށް ބޭފުޅަކު ނެތެވެ.

މިއަދު ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ހިދުމަތްތައް ރަނގަޅުކޮށް ވައުދުތައް ފުއްދުމަށް ސަރުކާރުގެ އިސް މަގާމުތަކަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

މީގެ ކުރިން ފިޝަރީޒް މިނިސްޓަރުގެ މަޤާމުގައި ހުންނެވި ޒަހާ ވަހީދު މަގާމުން ވަކިކުރެވިފައިވާއިރު އެ ކަމަނާއަށް މީގެ ކުރިން ރައީސް އޮފީހުގެ މިނިސްޓަރުކަން ދެއްވަން އުޅޭކަމުގެ އަޑުތަކެއް ފެތުރުނު ނަމަވެސް އެފަދަ މަގާމެއް އަދި ދެއްވާފައެއް ނުވެ އެވެ.