ވ. އަތޮޅުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ މީހުން ހޯދުމުގެ އޮޕަރޭޝަނަށް ފިންލޭންޑުންގެ ތިން ޑައިވަރުން މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ވ. އަލިމަތާ ކައިރިއަށް މިދިޔަ ބުރާސްފަތި ދުވަހު ފީނަން ފޭބުމަށްފަހު 60 މީޓަރުގެ ފުނުން ހޮހޮޅައެއްގެ ތެރެއަށް ގެއްލުނު އިޓަލީގެ 4 ޑައިވަރުން ހޯދުމަށް ސިފައިން ވަނީ ރިސްކު ބޮޑު އޮޕަރޭޝަނެއް ފަށައިފަ އެވެ.

ޑައިވަރުން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް ޑީކޮމްޕްރެޝަން ސިކްނަސް (ޑީކޯ) ވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓު މުހައްމަދު މަހުދީ، އިއްޔެ ނިޔާވެފަ އެވެ. އެއާއެކު، ސިފައިންގެ އޮޕަރޭޝަން ވަނީ މިވަގުތަށް މެދުކަނޑާލައިފަ އެވެ.

މަހުދީއަށް ފަރުވާ ދިނުމަށް އިއްޔެ މެންދުރު ފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ އޭނާ ނިޔާވީ އެވެ. ރޭ ވަނީ އޭނާގެ މައްޗަށް ކަށު ނަމާދު ވެސް ކޮށްފަ އެވެ.

ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސެން ޝަރީފް މިއަދު ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނަށް ފިންލޭންޑުގެ ތިން ތަޖުރިބާކާރު ޑައިވަރުން، މިއަދު މިވަނީ ރާއްޖެ އައިސްފަ އެވެ.

މި ހާދިސާއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވަނީ 'އެމްވީ ޑިއުކް އޮފް ޔޯކް' ސަފާރީގެ އޮޕަރޭޓިން ލައިސަންސް ތަހުގީގު ނިމެންދެން ސަސްޕެންޑް ކޮށްފަ އެވެ.