އީރާނަށް ދިނުމަށް ރޭވި ހަމަލާ ފަސްކުރިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ. ޓްރަމްޕް މި ނިންމެވުން ނިންމެވީ މެދުއިރުމަތީގެ ޤައުމުތަކުގެ ވެރިންގެ އެދިލެއްވުމުގެ މަތިންނާއި، މިހާރު ކުރިއަށްދާ ސީރިއަސް މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރަމްޕްގެ 'ޓްރުތު ސޯޝަލް' އެކައުންޓުގައި ލިޔުއްވާފައިވާ ގޮތުގައި، އެމެރިކާއަށާއި މެދުއިރުމަތީގެ ޤައުމުތަކަށް އަދި މުޅި ދުނިޔެއަށް ވެސް ބަލައިގަނެވޭނެ ފަދަ އެއްބަސްވުމަކަށް ވަރަށް އަވަހަށް އާދެވޭނެއެވެ. އެމެރިކާ، އިޒްރޭލު އަދި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ކުރެވޭ މަޝްވަރާތަކުގައި މިހާތަނަށް ލިބުނު ކުރިއެރުމެއް ސާފު ނުވި ނަމަވެސް، ޓްރަމްޕްގެ ނިންމެވުން ބަދަލުކުރެއްވުމުގައި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލްޘާނީ އާއި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފަދަ ލީޑަރުންގެ ދައުރު ބޮޑުކަން އޭނާ ފާހަގަކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވީ، މާދަމާ އީރާނަށް ދިނުމަށް ހަމަޖެހިފައިވާ ހަމަލާ ކުރިއަށް ނުގެންދިއުމަށް އެމެރިކާގެ އަސްކަރިއްޔާއަށް އަންގަވާފައިވާ ކަމަށެވެ. ނަމަވެސް، އެކަށީގެންވާ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ވަގުތުން ވަގުތަށް ބޮޑު ހަމަލާއެއް ދިނުމަށް ތައްޔާރުވެ ތިބުމަށް ވެސް ވަނީ އިރުޝާދު ދެއްވާފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާއާ އެކު ފެށުނު މި ހަނގުރާމައިގައި، ޕާކިސްތާނުން ދަނީ މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ. ޓްރަމްޕް ވަނީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަކީ އެމެރިކާގެ އެންމެ މުހިންމު ޝަރުތު ކަމަށާއި، އެއްބަސްވުމެއްގައި އެކަން ހިމެނެން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، މަޝްވަރާ ކުރުމަކީ ބޯލަނބައި އަމާންދިނުން ނޫން ކަމަށާއި، އީރާނުގެ ހައްގުތަކާއި ޤައުމުގެ އިސްތިގްލާލަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް އެ ޤައުމުން އެއްބަސްނުވާނެ ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކޮށްލުމަށާއި، އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވެސް އީރާނުން ދަނީ ގޮވާލަމުންނެވެ.

މި ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ސިޔާސީ މަސްރަހަށް ވެސް ވަނީ ނުފޫޒު ފޯރާފަ އެވެ. 'ނިއުޔޯކް ޓައިމްސް' އިން ހެދި ސާވޭއަކުން ދައްކާ ގޮތުގައި، އެމެރިކާގެ 64 އިންސައްތަ މީހުން ދެކޭ ގޮތުގައި އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ނިންމުނު ނުބައި ނިންމުމެކެވެ. މި ހަނގުރާމައަށް މިހާތަނަށް 29 ބިލިއަން ޑޮލަރު ހަރަދުވެފައިވާ ކަމަށް ޕެންޓަގަނުން ހާމަކުރެއެވެ.

ގަލްފުގެ ޤައުމުތަކުން ބޭނުންވަނީ ހަނގުރާމަ އިތުރަށް ވަރުގަދަވިޔަނުދީ، ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި، އީރާނުގެ މިސައިލް ޕްރޮގްރާމްގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް ހައްލެއް ހޯދުމަށެވެ. ތެލުގެ އަގު އުފުލެމުންދާތީ، އެމެރިކާއިން ވަނީ ބައެއް ޤައުމުތަކަށް ރަޝިއާގެ ތެޔޮ ވަގުތީ ގޮތުން ބޭނުންކުރުމުގެ ހުއްދަ ދޭން ނިންމާފަ އެވެ.