އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި ހުރި އަމާޒުތަކަށް ހަމަލާދީ، ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް އީރާނުން އަންގާރަ ދުވަހު ބުނެފި އެވެ. އީރާނުން ބުނާ ގޮތުގައި މި އަމަލުގެ ސަބަބުން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވާނެއެވެ.

ސުލްހައިގެ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލުން އަންގާރަ ދުވަހު ލުބުނާނަށް 120 އަށްވުރެ ގިނަ ވައިގެ ހަމަލާ ދީފައިވާ ކަމަށް އެ ގައުމުގެ ސަލާމަތީ ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މިއީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި އެއް ދުވަހެއްގެ ތެރޭގައި ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އީރާނުން ވަކާލާތު ކުރަމުންދަނީ އެއްބަސްވުމެއްގެ ދަށުން އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށެވެ.

އީރާނުގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، އީރާނުގެ ދެކުނުގެ ހޮރްމޮޒްގާން ޕްރޮވިންސަށް އެމެރިކާއިން ދިން ހަމަލާތަކަކީ ފާއިތުވި ހަތް ހަފުތާގައި ގާއިމުކޮށްފައި އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު އަމަލެކެވެ. ނަމަވެސް އެމެރިކާއިން ބުނަމުންދަނީ އެއީ ދިފާއީ ހަމަލާތަކެއް ކަމަށާއި، އަމާޒުކުރީ މިސައިލް ސައިޓްތަކަށާއި މައިން ވަޅުލުމަށް މަސައްކަތް ކުރަމުންދިޔަ އުޅަނދުތަކަށް ކަމަށެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވި ގޮތުގައި، ހަމަނުޖެހުންތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް އަދި ދުވަސްކޮޅެއް ނަގާފާނެއެވެ. މީގެ ކުރިން ދެ ފަރާތުން ވެސް ވަނީ ހަނގުރާމަ ހުއްޓާލުމަށާއި ކަނޑުއޮޅި ހުޅުވާލުމާ ބެހޭ އިބްތިދާއީ އެއްބަސްވުމަކާ ގާތަށް ދެވިފައިވާ ކަމަށް ބުނެފަ އެވެ. މި އެއްބަސްވުމުގެ ދަށުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ފަދަ އުނދަގޫ މައްސަލަތަކާ މެދު މަޝްވަރާ ކުރުމަށް 60 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެ ގައުމުން ދަނީ ހިފަހައްޓާފައިވާ އީރާނުގެ ބިލިއަނުން ގުނޭ ފައިސާ ދޫކޮށްލުން އެއްބަސްވުމުގައި ހިމެނުމަށް ބާރުއަޅަމުންނެވެ.

ތެލުގެ އަގު އަނެއްކާވެސް އުފުލިއްޖެ

އެމެރިކާގެ ހަމަލާތަކަށްފަހު ރޫބިއޯ ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ، ކޮންމެ ގޮތަކުން ނަމަވެސް ހޮރްމޫޒް ކަނޑުއޮޅި ހުޅުވާފައި އޮންނަން ޖެހޭނެ ކަމަށެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާއެކު ފެށުނު މި ހަނގުރާމައިގެ ސަބަބުން ތެލާއި، ފާޓިލައިޒާ އަދި ކާބޯތަކެތީގެ އަގު ވަނީ އިންތިހާއަށް އުފުލިފަ އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ވިޔަފާރީގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ހަނގުރާމަ ފެށުނު ފަހުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަންގާރަ ދުވަހު ބްރެންޓް ކުރޫޑް ތެޔޮ ފީފާއެއްގެ އަގު ވަނީ %3.5 މައްޗަށް ގޮސް، 100 ޑޮލަރަށް އަރާފަ އެވެ.

"ވަގުތަކީ އަނބުރާ ރުޖޫއަކުރެވޭނެ އެއްޗެއް ނޫން" - އީރާނުގެ ސްޕްރީމް ލީޑަރު

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނި ގޮތުގައި އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ހައްގު އެ ގައުމަށް ލިބިގެންވެއެވެ. އަދި އެމެރިކާގެ ޑްރޯންއެއް ވައްޓާލާފައިވާ ކަމަށާއި، އީރާނުގެ ވައިގެ ސަރަހައްދަށް ވަތް އިތުރު ޑްރޯންއަކަށާއި ހަނގުރާމަމަތީ ބޯޓަކަށް ހަމަލާދީފައިވާ ކަމަށް ވެސް އެ ފަރާތުން ބުނެއެވެ.

އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ މުޖްތަބާ ޚާމަނާއީ ވިދާޅުވީ، މިއަދުން ފެށިގެން އެމެރިކާ ނެތިދިއުމަށާއި އަދި "އިޒްރޭލުނނެތިދިއުމަށް ގޮވާލާ ގޮވުންތަކަކީ މުޅި އިސްލާމީ އުންމަތުގެ އަޑަށް ވާނެ ކަމަށެވެ. މީގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އެޅުމަށް މި ޝިއާރުތަކުގެ ބޭނުން ހިފާފަ އެވެ.

އީރާނުގެ ހިފަހައްޓާފައިވާ ފައިސާ

މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ދެ ގައުމުން ވެސް ވަނީ ހާމަކޮށްފަ އެވެ. އީރާނުގެ އިސް މަންދޫބު މުހައްމަދު ބާގިރު ގާލިބާފް ގަތަރުން އެނބުރި ވަޑައިގެންނެވީ، އެއްބަސްވުމުގެ ދަށުން ހިފަހައްޓާފައިވާ އީރާނުގެ 24 ބިލިއަން ޑޮލަރު ދޫކޮށްލުމަށް އެދިވަޑައިގަތުމަށްފަހު އެވެ. އީރާނުގެ މީޑިއާތަކުން ބުނާ ގޮތުގައި އެއްބަސްވުމަކަށް އައުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ވެސް މި ފައިސާގެ މައްސަލަ އެވެ.

އީރާނުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ކަނޑުގެ ބްލޮކޭޑް އުވާލުމާއި، ނިއުކްލިއާ މައްސަލަތަކާއި، ގައުމުގެ މިނިވަންކަމުގެ ޔަގީންކަން ހިމެނެއެވެ. މީގެ އިތުރުން ލުބުނާނުގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށް ވެސް އީރާނުން ބޭނުންވެއެވެ. ނަމަވެސް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ ލުބުނާނުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކުރަމުންދާ ކަމަށެވެ. ލުބުނާނުގެ ސިއްހީ ވުޒާރާއިން ބުނި ގޮތުގައި އިޒްރޭލުގެ ފަހުގެ ހަމަލާތަކުގައި 31 މީހުން މަރުވެ 40 މީހުން ވަނީ ޒަހަމްވެފަ އެވެ.

30 ދުވަހުގެ އޮނިގަނޑެއް

އިބްތިދާއީ އެއްބަސްވުމުގެ ދަށުން ހުރިހާ ފަރާތްތަކަކުން ހަނގުރާމަ ހުއްޓާލުމަށާއި، 30 ދުވަހުގެ ތެރޭގައި ކަނޑުއޮޅީގެ ދަތުރުފަތުރު އާންމު ހާލަތަކަށް ގެނައުމަށް ވަނީ ހިމަނާފަ އެވެ. ނިއުކްލިއާ ޕްރޮގްރާމް ފަދަ އުނދަގޫ މައްސަލަތައް ދެވަނަ މަރުހަލާއެއްގައި މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޓްރަމްޕް ވިދާޅުވާ ގޮތުގައި މި ހަނގުރާމައިގެ މައިގަނޑު ބޭނުމަކީ އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމެވެ. ނަމަވެސް އީރާނުން އެފަދަ ކަމެއް ކުރާކަމަށް އިންކާރު ކުރެއެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާ ފަދަ ގައުމުތަކުން އިޒްރޭލާއެކު ގުޅުން ގާއިމުކުރުމަށް (އަބްރަހަމް އެކޯޑްސް) ޓްރަމްޕް ބާރުއަޅުއްވަމުން ގެންދަވާއިރު، ސައުދީން ބުނަމުންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކޮށް އެފަދަ އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށެވެ.

މި ހަނގުރާމައިގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ލުބުނާނާއި އީރާނުގެ ރައްޔިތުންނެވެ.