ވެރިކަންކުރާ ޕީއެންސީއަށް މީހުން ވައްދަނީ ސަރުކާރުގެ ބާރާއި ވަޒީފާގެ ނުފޫޒު ބޭނުންކޮށްގެން ކަމަށާއި، އެ ޕާޓީގެ މެންބަރުން ކިތަންމެ ގިނަޔަސް ރައީސް މުހައްމަދު މުއިއްޒަށް އިހުލާސްތެރިވާނެ މެންބަރަކު ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީއެންއެފް އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ޕާޓީއަކަށް މެންބަރުން އިތުރުކުރުމުގެ އަސްލު ބޭނުމަކީ ރައްޔިތުންނަށް ހިދުމަތްކޮށްދީ، އެމީހުންގެ ތާއީދު ހޯދުން ކަމަށެވެ. ނަމަވެސް މިހާރު ޕީއެންސީ ބޮޑުވަމުންދަނީ މަޖުބޫރުކޮށްގެން ކަމަށާއި، އެހެންކަމުން އެ މެންބަރުންގެ ހިތްތަކުގައި ރައީސް މުއިއްޒަށް ލޯތްބާއި ގަދަރު ނެތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީއެންސީގެ އާންމު މެންބަރުން އަދިވެސް ތިއްބެވީ އެމަނިކުފާނާ އެކުގަ އެވެ. މިކަމުގެ ހެއްކަކީ މިދިޔަ އޭޕްރީލް މަހު ނެގި ހިޔާލު ހޯދުމުގެ ވޯޓުން ރައީސް މުއިއްޒަށް 30 އިންސައްތަ ވެސް ނުލިބުމެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް މިއަދު ގިނަ ބަޔަކު ގަބޫލުކުރާ ކަމަށެވެ.

މީގެއިތުރުން، މިހާރު އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރައްވާ ސަބަބުވެސް ޔާމީން ސާފުކޮށްދެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ފިކުރަށް ތާއީދު ނުކުރެއްވި ނަމަވެސް، މިވަގުތު އިދިކޮޅުގައި އޮތީ އެމްޑީޕީއާއި ޕީއެންއެފް އެކަނި ކަމަށެވެ. އަދި ދެ ނުބައެއްގެ ތެރެއިން އެންމެ ރަނގަޅު ނުބައި އިހުތިޔާރު ކުރަން ޖެހުމުން، މިވަގުތު ސަރުކާރާ ދެކޮޅަށް އެމްޑީޕީއާއެކު މަސައްކަތް ކުރައްވަނީ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވަނީ ކުރިއަށް އޮތް އެއްވެސް އިންތިހާބެއްގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ.