ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅު އެޅުމުގައި ސަރުކާރުން ގޯސް ހެދި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު އެއްބަސްވެވަޑައިގެންފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި ސަރުކާރާއި އެޗްޕީއޭ އިން ވެސް ގޯސް ހެދި ކަމަށެވެ.

އޭނާ ވިދާޅުވީ ހެދިފައި ހުރި ގޯސްތަކާއި އަދި ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"މީގެތެެރޭގައި އަޅުގަނޑުމެންނަށްވެސް ހެދިފައި ހުރި ގޯސްތައް ނުވަތަ ރަނގަޅު ކުރަންޖެހޭ ކަންކަން ހުންނާނެ. އެކަންކަން އަޅުގަނޑުމެން ޖެހޭނެ ގަބޫލުކުރަން. އެޗްޕީއޭ އެކަންޏެއް ނޫން ސަރުކާރުގެވެސް އަދި އެހެން މުއައްސަސާތަކުންވެސް އެއަށްވުރެ ރަނގަޅަށް ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ. އަދި އެ ހުރިހާ ކަމެއް އަޅުގަނޑުމެންނަށް އެންމެ ފުރިހަމައަށް ކުރެވުނޭ ބުނުން ވާނީ ސީދާ ދޮގަކަށް،" މަބުރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެޗްޕީއޭއިން ދިން ބައެއް ލުއިތައް ނާޖައިޒު ގޮތުގައި ބައެއް ފަރާތްތަކުން ބޭނުންކުރި ކަމަށާއި އެކަންކަން އެއަށްވުރެ ރަނގަޅަށް ބެލެހެއްޓުނުނަމަ ހާލަތު މިހާ ގޯސްނުވީސް ކަމަށެވެ.

މީގެއިތުރުން ކެމްޕެއިނަށް ރަށްރަށް ދިޔުމަށް ދިން ހުއްދަތަކަކީ ވެސް ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ސަރުކާރަށް ގޯސްތަކެއް ހެދިފައި ހުއްޓަސް މިއީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލި ދިއްކުރަންވީ ވަގުތު ނޫން ކަމަށާއި މިއީ އެންމެން ގުޅިގެން ކޮވިޑް ފެތުރުން މަދުކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.