ރިޔާސީ އިންތިހާބުގައި އިލެކްޓްރޯނިކް ވޯޓިން ނުވަތަ އީ-ވޯޓިން ބޭނުންކޮށްގެން ނަތީޖާ އޮޅުވާލުމަށްޓަކައި ސަރުކާރުން "މޯލްޑިވްސް 2.0" ބިލު ހުށަހަޅާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ތުހުމަތުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލީ ހުށަހެޅުއްވި "ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލަށް ބަހުސްކުރައްވަމުން ޣަފޫރު ވިދާޅުވީ، މި ބިލަކީ އާ އިދާރާއެއް ހަދައި، މުވައްޒަފުން ނަގައިގެން ވޯޓުން ވައްކަންކުރަން ރާވައިގެން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރަށް ސައްހަ ވޯޓަކުން އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ އެވެ.

ރާއްޖޭގެ މިހާރުގެ އިގްތިސާދީ ހާލަތަށް އަލިއަޅުވާލައްވައި ޣަފޫރު ވިދާޅުވީ، ކަރަންޓާއި ފެނުގެ ބިލުތައް އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގު އުފުލި، ޑޮލަރުގެ ރޭޓު 21 ރުފިޔާއަށް އަރާފައިވާ ދަނޑިވަޅެއްގައި ސަރުކާރުން އިސްކަންދެނީ ރައްޔިތުންނަށް ފައިދާހުރި ކަމެއް ކުރުމުގެ ބަދަލުގައި ވަގު ވޯޓު އެޅުމަށް މަގުފަހިކުރުމަށް ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ހެޔޮ ނިޔަތުގައި ގާނޫނުތައް ހެދި ނަމަވެސް، ރާއްޖޭގައި މިފަދަ ބިލުތައް ހުށަހަޅަނީ ނާޖާއިޒު ފައިދާ ނެގުމަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބުނާ ގޮތުގައި މި ބިލުގެ މައިގަނޑު މަގުސަދަކީ ދައުލަތުގެ ހިދުމަތްތައް އިތުބާރުހިފޭ، ރައްކާތެރި ގޮތެއްގައި ޑިޖިޓަލްކޮށް ފޯރުކޮށްދިނުމެވެ. މި މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި "މޯލްޑިވްސް ޑިޖިޓަލް ސާވިސް" ގެ ނަމުގައި އާ އިދާރާއެއް އުފައްދައި، ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) ވަނީ އުވާލާފަ އެވެ.

މި ބިލު ގާނޫނަކަށް ވުމުން، ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ޑިޖިޓަލް ގަވަނަންސް އެޑްވައިޒަރީ ކޮމިޓީ އެއް އުފައްދަން ޖެހެ އެވެ. މި ކޮމިޓީގައި ޑިޖިޓަލް ޓެކްނޮލޮޖީ ކޮމިޝަނަރާއި، ސައިބާ ސެކިއުރިޓީގެ މާހިރުންގެ އިތުރުން އައިޓީ ދާއިރާގެ ތަޖުރިބާކާރުން ހިމެނެންވާނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރާއި ޑިޖިޓަލް ޓެކްނޮލޮޖީ ކޮމިޝަނަރު ހިމެނޭ ގޮތަށް ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކައުންސިލެއް ވެސް އުފައްދަން ޖެހޭއިރު، އެ ކައުންސިލް މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ވަނީ އުފައްދާފަ އެވެ.