ދުނިޔޭގެ މަގްބޫލު ސުޕަމޮޑެލް ބެލާ ހަދީދް އޭނާ ތަހައްމަލު ކުރަމުންދާ ދިގު މުއްދަތުގެ ބައްޔެއް ކަމަށްވާ "ލައިމް ޑިޒީޒް"އާ ބެހޭގޮތުން ސޯޝަލް މީޑިއާގައި ރޮމުން ކުރި އަސަރުގަދަ ޕޯސްޓަކާ ގުޅިގެން ފޭނުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަން ފެށުމުން، އޭނާ އަލުން އެނބުރި އައިސް ފޭނުންގެ ކިބައިން މާފަށް އެދިއްޖެ އެވެ.

އުމުރުން 29 އަހަރުގެ ބެލާ، އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ރޮމުން ނަގާފައިވާ ސެލްފީއަކާއެކު ހިއްސާކުރި މެސެޖެއްގައި ބުނީ، ބަލީގެ އުނދަގޫތައް މިފަހަރު މާ ބޮޑު ވެފައިވާ ކަމަށެވެ.

ޑޮކްޓަރުން ދީފައިވާ ހުރިހާ އިރުޝާދުތަކަކާއި ފަރުވާތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް އެއްވެސް ލުޔެއް ނުލިބޭ ކަމަށާއި، 11 ގަޑިއިރު ނިދުމަށްފަހުވެސް ކޮންމެ ދުވަހަކު އިތުރަށް ނިދަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

އެއާއެކު ބަލީގެ ސަބަބުން ވިސްނުމަށް ބުރޫއަރައި "ބްރެއިން ފޮގް"ގެ އުނދަގޫ ވާތީ، ސިކުނޑީގެ އެއްވެސް ސެލްއެއް މަސައްކަތް ނުކުރާހެން ހީވާ ކަމަށްވެސް އޭނާ ލިޔުނެވެ.

ބެލާ ބުނި ގޮތުގައި، ބަލީގެ ސަބަބުން އޭނާގެ ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. ކައްކާގެއާ ހަމައަށް ހިނގައިލާއިރުވެސް ނޭވާ ކޮޅަށްދާ ކަމަށާއި، އަނބުރައިގަނެގެން ނުވެއްޓި ފެންވަރާލެވުމަކީވެސް މިއަދު އޭނާއަށް ލިބޭ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ބެލާ ސިފަކުރިއެވެ.

މި ޕޯސްޓާއެކު ފޭނުންގެ ފަރާތުން ލިބުނު ބޮޑު ސަމާލުކަމާއި ކަންބޮޑުވުންތަކާ ގުޅިގެން ބެލާ ވަނީ އަނެއްކާވެސް މެސެޖެއް ހިއްސާކޮށްފަ އެވެ.

"ހަލޯ، އަހަރެންގެ ސަބަބުން އެއްވެސް މީހަކު ކަންބޮޑުވީނަމަ މާފަށް އެދެން. އެ ވާހަކަތައް އަޑުއަހަން އުނދަގޫ ވެދާނެ، އެކަމަކު ހަގީގަތަކީ އެއީ އަހަރެންގެ ދިރިއުޅުން. މިއީ ވޭތުވެދިޔަ 15 އަހަރު ވަންދެން އަހަރެން ކޮންމެ ދުވަހަކު ތަހައްމަލު ކުރަމުންދާ ކަމެއް،" ބެލާ ލިޔުނެވެ.

"އަހަރެން އެންމެ ބޮޑަށް ދެރަވަނީ އަހަރެންގެ ސިކުނޑިން ކުރަން ބޭނުންވާ ކަންތައްތައް ކުރަން އަހަރެންގެ ހަށިގަނޑު ތަން ނުދޭތީ." އޭނާ ބުންޏެވެ.

ފޭނުންގެ ފަރާތުން ލިބުނު ލޯތްބާއި ހިތްވަރަށް ޝުކުރު އަދާކުރަމުން ބެލާ ބުނީ، މިފަދަ ބޮޑު ސަޕޯޓެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، މާދަމާއަކީ މިއަށްވުރެ ރަނގަޅު ދުވަހަކަށް ވުމަށް އެދި ދުއާކުރާ ކަމަށެވެ.

ބެލާއަށް ލައިމް ޑިޒީޒް ޖެހިފައިވާކަން އެނގުނީ 2013 ވަނަ އަހަރު، އޭނާގެ އުމުރުން އެންމެ 16 އަހަރުގަ އެވެ. މިއީ "ޓިކް" ނަމަކަށް ކިޔާ ސޫތްޕެއް ހަށިގަނޑުގައި ހެފުމުގެ ސަބަބުން ޖެހޭ ބެކްޓީރިއަލް އިންފެކްޝަނެކެވެ.

މީގެ ސަބަބުން ހުޅުތަކުގައި ރިއްސުމާއި، މާ ބޮޑަށް ވަރުބަލިވުމާއި، އެންޒައިޓީ ފަދަ ނަފްސާނީ އަދި ޖިސްމާނީ ގިނަ އުނދަގޫތަކެއް ކުރިމަތިވެ އެވެ. ބެލާގެ އިތުރުން އޭނާގެ މަންމަ ޔޮލަންޑާ ހަދީދް އަދި ކޮއްކޮ އަންވަރު ހަދީދަކީވެސް މި ބައްޔާ ހަނގުރާމަ ކުރަމުންދާ ބައެކެވެ.