ޝީއިން އާއި ޓެމޫ ފަދަ އޮންލައިންކޮށް، އަގުހެޔޮކޮށް ހެދުން ވިއްކާ 'ފާސްޓް ފެޝަން' ކުންފުނިތައް ކޮންޓްރޯލު ކުރުމަށް އަމާޒުކޮށް ހުށަހެޅި ބިލް ފްރާންސްގެ ގާނޫނު ހަދާ މަޖިލީހުން އިއްޔެ ފާސްކޮށްފި އެވެ.
މި ބިލަކީ ޔޫރަޕްގެ އިއްތިހާދު (އީޔޫ) ގެ ގާނޫނުތަކާ ފެތޭނެ ފަދަ ގޮތަކަށް ބައްޓަންކުރުމަށްޓަކައި، ފްރާންސްގެ މަޖިލީހުގައި ދެ އަހަރަށް ވުރެ ގިނަ ދުވަސްވަންދެން ބަހުސްކުރުމަށްފަހު ފާސްކުރި ބިލެކެވެ.
މި އައު ގާނޫނުގެ ދަށުން، ވަރަށް އަވަސް އަވަހަށް އައު ފެޝަންތައް ބާޒާރަށް ނެރޭ 'އަލްޓްރާ-ފާސްޓް-ފެޝަން' ކުންފުނިތަކުން ވިއްކާ ކޮންމެ އުފެއްދުމަކުން މި އަހަރު 0.25 ޔޫރޯ އާއި 6 ޔޫރޯއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދާއިރު އެ ޖޫރިމަނާގެ އަދަދު ކޮންމެ އުފެއްދުމަކަށް 10 ޔޫރޯއަށް ބޮޑުވެގެންދާނެ އެވެ.
މީގެ އިތުރުން މިފަދަ ބްރޭންޑްތައް ބާޒާރުގައި އިޝްތިހާރު ކުރުމާއި، އޮންލައިން އިންފްލުއެންސަރުން މެދުވެރިކޮށް މި އުފެއްދުންތައް ޕްރޮމޯޓްކުރުން ވެސް މި ގާނޫނުން މަނާކުރެ އެވެ.
ފްރާންސްގެ ކުދި ވިޔަފާރިތަކާ ބެހޭ މިނިސްޓަރު ސާޖް ޕަޕިން ވިދާޅުވި ގޮތުގައި، މި ބިލުގެ މައިގަނޑު އަމާޒަކީ މަދު ހަފުތާތަކެއްގެ ތެރޭގައި ބޭނުންކޮށްފައި އުކާލާ ފަދަ ފެޝަންގެ ހެދުންތަކުން ބާޒާރު ފުރާލަމުންދާ ސިނާއަތުން ގައުމުގެ ތިމާވެއްޓާއި މުޖުތަމައު ސަލާމަތްކުރުމެވެ.
ނަމަވެސް ޝީއިން ކުންފުނިން ވަނީ މި ފިޔަވަޅުތަކަކީ ވިލާތުގެ ޑިޖިޓަލް ހިދުމަތްތަކާއި އީ-ކޮމާސް އޮނިގަނޑާ ފުށުއަރާ ކަންކަން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މި ބިލުގެ ފައިނަލް ކޮޕީ ފާސްކުރިއިރު، ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމާފައި ވަނީ ހަމައެކަނި އޮންލައިންކޮށް ހިދުމަތްދޭ ބޭރުގެ ބޮޑެތި ކުންފުނިތަކަށެވެ. މީގެ ސަބަބުން ޒާރާ އަދި އެޗްއެންޑްއެމް ފަދަ ޔޫރަޕްގެ އަމިއްލަ ފާސްޓް ފެޝަން ބްރޭންޑްތައް މި ގާނޫނުގެ ފިޔަވަޅުތަކުން އިސްތިސްނާވެގެންދާނެ އެވެ. މި ގާނޫނަށް އަމަލުކުރަން ފަށާނީ ފްރާންސްގެ ރައީސް އެ ބިލު ތަސްދީގު ކުރެއްވުމުންނެވެ.
އީރާނާއި އެމެރިކާގެ މަންދޫބުން މަޝްވަރާއަށް ދޯހާއަށް ގޮސްފި
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި