މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ އިމާރާތެއް ހުސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެންގި އެންގުން ހުއްޓުވަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ވާހަކަ ދައްކައިގެން ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން ހަފުތާއެއްގެ މުއްދަތު ދީފި އެވެ.
މި މައްސަލައަކީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން ހިންގާ ފިއުޗާ ހޯމްސް ކުންފުނިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
އެ ކުންފުނިން ބުނާ ގޮތުގައި އެފްއޭއެމްގެ އެންގުމާ އެއްގޮތަށް އިމާރާތް ހުސްކޮށްފި ނަމަ އިޔާދަނުކުރެވޭނެ ބޮޑު މާލީ ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ އެވެ. އަދި އެފްއޭއެމްގެ މިހާރުގެ މާލީ ހާލަތު ހުރި ގޮތުން އެފަދަ ގެއްލުމެއްގެ ބަދަލު ދިނުމުގެ ގާބިލުކަން އެ އެސޯސިއޭޝަނުގައި ހުރި ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
ނަމަވެސް އެފްއޭއެމުން މި ވާހަކަތައް ދޮގުކޮށް ބުނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި އަގުތައް ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށާއި އެއީ އެފްއޭއެމަށް ދެއްކޭނެ އަދަދުތަކެއް ކަމަށެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ ވަގުތީ އަމުރާ މެދު ގޮތެއް ނިންމެވުމުގެ ކުރިން، ދެ ފަރާތުގެ މެދުގައި މަޝްވަރާކޮށްގެން ސުލްހަވެރި ހައްލެއް ހޯދުމަށް އެއް ހަފުތާގެ މުއްދަތެއް ދެއްވާފަ އެވެ. އެ މުއްދަތުގައި އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، ވަގުތީ އަމުރާ މެދު ކޯޓުން ރަސްމީކޮށް ގޮތެއް ނިންމާނެ އެވެ.
ފިއުޗާ ހޯމްސް އިން ދައުވާގައި ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރު އެފްއޭއެމްއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ވަނީ ޓާފު ދަނޑުގެ ދެކުނު ފަރާތުގައި ހުރި ކުނިތައް ސާފުކޮށް، ޗޭންޖިން ރޫމެއް އަޅައިދީފަ އެވެ. އެ މަސައްކަތުގެ ބަދަލެއްގެ ގޮތުން، އެއްވެސް ކުއްޔަކާ ނުލައި 25 އަހަރުގެ މުއްދަތަށް ސްޓޭޑިއަމުން 2,700 އަކަފޫޓުގެ ބިމެއް އެ ކުންފުންޏަށް ދީފައިވާ ކަމަށާއި، އެ ބިމުގައި އެތައް މިލިއަން ރުފިޔާއެއް ހޭދަކޮށްގެން ދެ ބުރީގެ އިމާރާތެއް އަޅާފައިވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެންކަމުން އެފްއޭއެމުން އެއްބަސްވުން އުވާލަން ނިންމި ނިންމުމަކީ އެއްބަސްވުމާ ހިލާފުވުން ކަމަށް ކަނޑައަޅައި، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު އޮތް ކަމަށް ކޯޓުން ނިންމައިދިނުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
މި މައްސަލައާ ގުޅިގެން އެފްއޭއެމުން ތުހުމަތުކުރާ ގޮތުގައި، އެ ބިމުގައި ހަދާފައިވާ ދެ ބުރީގެ އިމާރާތަކީ ހައުސިން މިނިސްޓްރީއާއި މާލޭ ސިޓީ ކައުންސިލުން ހުއްދަ ނުހޯދައި ބިނާކޮށްފައިވާ ގަވާއިދާ ހިލާފު އިމާރާތެކެވެ. އަދި ބިން ހުސްކުރަން ތަކުރާރުކޮށް އެންގުމުން ވެސް އެކަން ކޮށްފައި ނުވާތީ ގާނޫނީ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ.
ނަމަވެސް ފިއުޗާ ހޯމްސް އިން މި ތުހުމަތުތައް ދޮގުކުރެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ބިން ހުސްކުރަން އެ ކުންފުނިން ދެކޮޅެއް ނުހަދަ އެވެ. އެހެންނަމަވެސް އެތަނަށް ކޮށްފައިވާ ބޮޑެތި ހަރަދުތަކާއި، ބިން އަތުލުމުން ލިބޭނެ ގެއްލުމުގެ ބަދަލު އެފްއޭއެމްގެ ފަރާތުން ކުންފުންޏަށް ދިނުމުން ބިން ހުސްކޮށްދޭން އެއްވެސް އިއުތިރާޒެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ދަރިންގެ ނަފްސާނީ ސިއްހަތު ރަނގަޅު ކުރަން އެހީއެއް!
ތައިލެންޑުން ދޭ އޮން އެރައިވަލް ވިސާ 30 ދުވަހަށް އިތުރުކޮށްފި
ޒުވާން ވިޔަފާރިވެރިންނަށް އެހީވުމަށް އެމްއޯޔޫއެއް