ހަމައެކަނި ފައިދާހުރި ކާނާ އިހްތިޔާރު ކުރުމުން ސިއްހަތު ސަލާމަތުން ބެހެއްޓުނީ ކަމަށް ގިނަ ފަހަރަށް އަހަރެމެންނަށް ހީވެ އެވެ. ނަމަވެސް، ކިތަންމެ ރަނގަޅު ކެއުމެއް ކެއި ކަމުގައި ވިޔަސް، ކެއުމުގެ އާދަތަކާއި ތަރުތީބު ބަހައްޓާ ގޮތުން ހަށިގަނޑަށް ލިބެންޖެހޭ ފައިދާ ނުލިބި، ސިއްހަތަށް ނޭދެވޭ އަސަރު ކުރެ އެވެ.

ނިއުޓްރިޝަން އަދި ހެލްތު ކޯޗުން ހާމަކުރާ ގޮތުގައި، ދިރިއުޅުމުގައި ސިއްހަތަށް ވިސްނާ މީހުންނަށްވެސް ކާނާގެ ބޭނުން ހިފުމުގައި އާއްމުކޮށް 6 ބޮޑު ގޯހެއް ހެދެ އެވެ.

1. ކާނާ ކާ ތަރުތީބު ނުވަތަ "ފުޑް ސީކުއެންސިންގް" އަށް ނުވިސްނުން

ކާ އެއްޗެހީގެ ބާވަތް ތަކުގެ އިތުރުން، އެ އެއްޗެހި ބަނޑަށްދާ ތަރުތީބަކީ ލޭގައި ހަކުރު ހުންނަ މިންވަރަށް ވަރަށް ބޮޑަށް އަސަރުކުރާ ކަމެކެވެ. ކާން ފަށާއިރު ފުރަތަމަ ކާބޯހައިޑްރޭޓްސް (ހަނޑޫ، ދޮންކެޔޮ، ޕާން ފަދަ ތަކެތި) ކެއުމުން ލޭގެ ހަކުރު މައްޗަށް ދެ އެވެ. އޭގެ ބަދަލުގައި އެންމެ ފުރަތަމަ ފައިބާ (ސަލަޑް، ފަތްޕިލާވެލި)، ދެން ޕްރޮޓީން އަދި ފެޓްސް ކެއުމަށްފަހު، އެންމެ ފަހުން ކާބްސް ކެއުމުން ލޭގެ ހަކުރު އެއްވަރެއްގައި ހިފެހެއްޓެ އެވެ.

2. ދިޔާ ތަކެތިން މާ ގިނައިން ކެލޮރީ ހޯދުން

ގްރީން ޖޫހާއި، ޕްރޮޓީން ޝޭކްސް އަދި ފްރުޓް ސްމޫތީތަކަކީ ފައިދާހުރި އެއްޗެހި ކަމަށް ބެލެވުނަސް، މިފަދަ ބުއިންތަކުން ހަށިގަނޑަށް ވަރަށް ގިނަ ސަރުބީ އަވަހަށް އެތެރެއެވެ. މިފަދަ ދިޔާތަކެތި ބުއިމުން ހަޖަމު ކުރުމުގެ ނިޒާމުގެ ދައުރު ކުޑަވެ، ހަށިގަނޑަށް ފުރިހަމައަށް ބަނޑު ފުރުނުކަމުގެ އިހުސާސެއް ނުވެ އެވެ. އޭގެ ބަދަލުގައި މޭވާއާއި ތަރުކާރީ ހުރި ގޮތަށް ހަފާލައިގެން ކެއުން މާ ފައިދާ ބޮޑެވެ.

3. ފައިދާހުރި ކާނާ ވިޔަސް، މާ ގިނައިން ކެއުން

ކަދުުރާއި، ނަޓްސް (ބަދަން)، އެވޮކާޑޯ އަދި ޒައިތޫނި ތެލަކީ ސިއްހަތަށް ނުހަނު ފައިދާހުރި ތަކެއްޗެވެ. ނަމަވެސް މިއީ ކެލޮރީ ވަރަށް މަތި ބާވަތް ތަކެކެވެ. ސިއްހަތަށް ފައިދާހުރި އެއްޗަކަށް ވާތީ ގިނައިން ކެއުން ރަނގަޅުވާނެ ކަމަށް ހީކުރުމަކީ ބަރުދަން އިތުރުވާން މެދުވެރިވާ ސަބަބެކެވެ.

4. ޕްރޮޓީން މަދުވުން

ފައިދާހުރި ކާނާ ކެއުމަށް ވިސްނާއިރު، ގިނަ މީހުންނަށް ތަރުކާރީއާއި މޭވާއަށް ބޮޑު ސަމާލުކަމެއް ދެވި، ހަށިގަނޑަށް ބޭނުންވާ މިންވަރަށް ޕްރޮޓީން (މަސް، ކުކުޅު، ބިސް، ތޮޅި) ނުކެވޭ ގޮތްވެ އެވެ. ޕްރޮޓީން މަދު ވުމުން ބަނޑުހައިވުން އަވަސްވެ، ހަކަތަ ދަށްވާ ގޮތްވެ އެވެ.

5. ފެޓްސް (ސަރުބީ) މުޅިން ހުއްޓާލުން

ބަރުދަން ލުއިކުރަން އުޅޭ މީހުންނަށް ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ކާނާއިން ފެޓްސް މުޅިން ދޫކޮށްލުމެވެ. ހަށިގަނޑަށް ފައިދާހުރި ފެޓްސް ބޭނުންވަނީ ހޯމޯންތައް އުފެއްދުމަށާއި، ބައެއް ވިޓަމިންތައް (އޭ، ޑީ، އީ، ކޭ) ހަށިގަނޑަށް ދަމައިގަތުމަށެވެ.

6. ކާ ވަގުތު އެހެން ކަންކަމަށް ސަމާލުކަން ދިނުން

ފޯނު ބަލަމުން، ޓީވީ ބަލަމުން ނުވަތަ ކޮމްޕިއުޓަރު ކައިރީ އިނދެގެން ކެއުމަކީ ކިތަންމެ ފައިދާހުރި ކާނާއެއް ކެޔަސް ހެދޭ ގޯހެކެވެ. މީގެ ސަބަބުން ސިކުނޑިއަށް ކެވޭ މިންވަރު ނޭނގި، ބަނޑު ފުރުނުކަމުގެ ސިގްނަލް ލިބުން ލަސްވެ އެވެ. ނަތީޖާއެއްގެ ގޮތުން ހަޖަމު ކުރަން އުނދަގޫވެ، މާ ގިނައިން ކެވޭ ގޮތްވެ އެވެ.

ސިއްހަތު ރަނގަޅު ކުރުމަކީ ހަމައެކަނި ފެހި ނުވަތަ ފައިދާހުރި ކާނާ ކެއުމެއް ނޫނެވެ. އެއީ ކާނާގެ ބާވަތްތައް ބަހައްޓާ މިންވަރާއި، އެ ތަކެތި ބޭނުންކުރާ ވަގުތާއި ތަރުތީބަށްވެސް ފަރުވާތެރިވުމެވެ.