އެންވެރިކަމަށް ނުކުމެ އުޅުނު މަސްދޯންޏަކުން ގެއްލުނު މީހަކު ރަށެއްގެ ގޮނޑުދޮށަށް ލައްގާފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ ރިސޯޓެއް ހިންގާ ހދ. ހޮނޑާފުށީގެ ދެކުނު ފަރާތުގައި އެންވެރިކަން ކުރަން އޮތް "ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން މީހަކު ގެއްލިގެން މިއަދު ފަތިހު ރިޕޯޓްކުރުމާ އެކު ކޯސްޓްގާޑުން އޭނާ ހޯދަމުން ދަނިކޮށް ފެނުނީ ހޮނޑާފުށީ ގޮނޑުދޮށަށް ލައްގާފައި އޮއްވައި ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، ގެއްލުނު މީހާ ފެނުނީ އޭނާ ހޯދުމުގެ މަސައްކަތުގައި ޑިންގީއެއްގައި އުޅުނު ބަޔަކަށް އޭގެ ދެ ގަޑިއިރެއްހާއިރު ފަހުންނެވެ.

އޭނާއަށް އަވަސް ފަރުވާދިނުމަށް ހދ. ހަނިމާދޫ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި ފަރުވާ ދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅު ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.