ޕެންޝަން އޮފީހުގެ ހެޑް އޮފް އިންވެސްޓުމަންޓުގެ މަގާމުގައި ހުރި ހައިފާ އަހުމަދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާދީފައި މިވަނީ ޕެންޝަން ފަންޑުން 2.4 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓް މުއާމަލާތެއް ހިންގަން އުޅޭ ވަގުތެއްގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައިފާގެ އިތުރުން މެނޭޖުމަންޓް ލެވަލްގެ އެހެން މުވައްޒަފަކު ވެސް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. މިއީ ސަރުކާރުން ދޫކުރާ ދިގު މުއްދަތުގެ ޑޮލަރު ބޮންޑެއް ގަތުމަށްޓަކައި، ޕެންޝަން ފަންޑުގައި ހުރި ދިވެހި ރުފިޔާގެ ޓީބިލުތައް ސެކަންޑްރީ މާކެޓް މެދުވެރިކޮށް މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ވިއްކާލަން ނިންމި މުއާމަލާތާ ގުޅިގެން ފެންމަތިވި އިސްތިއުފާތަކެކެވެ.

މީގެ ކުރިން ވެސް މި މުއާމަލާތާ ދެކޮޅު ހައްދަވައި އެ އޮފީހުގެ ސީއީއޯ، ސީއެފްއޯ އަދި ބޯޑު މެންބަރުންތަކެއް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

ޕެންޝަން އޮފީހުން މިއީ ފަންޑުގެ އިންވެސްޓްމަންޓް ސިންދަފާތުކޮށް ޑޮލަރުގެ ރިޒާވެއް އުފެއްދުމަށް ހިންގާ މުއާމަލާތެއް ކަމަށް ބުނި ނަމަވެސް، އިގުތިސާދީ މާހިރުން ގަބޫލުކުރައްވަނީ މިއީ ފައިސާ ޗާޕުކުރުމުގެ އަމަލެއްގެ ގޮތުގައި ސިފަވާ، އިގުތިސާދަށް ނޭދެވޭ އަސަރުކުރާނެ ކަމެއްގެ ގޮތުގަ އެވެ. މި މުއާމަލާތުގެ ފަހު މަރުހަލާ ކުރިއަށް ދާއިރު، އޮފީހުގެ މައުލޫމާތު ބޭރުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރުދީ މެނޭޖުމަންޓުން ވަނީ މެމޯއެއް ވެސް ނެރެފަ އެވެ.