ރާއްޖޭގެ ހުޅަނގު އުތުރުން، އިރު ދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން މިއަދު ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދެއްގެ ބޯ ވިއްސާރަ ވިލާ އުފެދިފައިވާ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެ ފަހުން ތޫފާނަކަށް ވެސް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު، ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ ސަރަޙައްދުގައި ޚާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވެ އެވެ.