ފުވައްމުލަކުން ވާހަކަދެއްކި މީހުން ބުނާ ގޮތުގައި ބޮޑުވި ފެންގަނޑު ނުހިނދި ލަސްވަނީ އެމްޓީސީސީން އެރަށުގެ މަގު ހެދުމުގެ މަސައްކަތްކުރާ ގޮތުން. އެ ރަށުގެ މަގު ހަދާއިރު އެމްޓީސީސީން އެޅި ހޮޅިތަކެއްގެ ސަބަބުން ކުރިން ފެން ހިންދުމަށް ގާއިމުކޮށްފައިވާ ކާނުތައް ވަނީ ބެދިފައި. މިކަމުގެ ސަބަބުން ރަށުގައި ބޮޑުވި ފެންގަނޑު އަދިވެސް ހިންދޭ ގޮތް ވަނީ ނުވެފައި. މުޅި ރަށުގެ ފެންގަނޑު ވަނީ ނަޖިހާއެކު ތަޣައްޔަރުވެފައި.

މިދިޔަ ބުދަ ދުވަހު ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހި، ފެނު އަޑީގައި އޮންނަތާ ދެ ދުވަސް ވެއްޖެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންގެންދާ ވިއްސާރާގައި ފުވައްމުލަކުގެ ބޮޑު ބައެއްގައި ފެންބޮޑުވި އެވެ. ދެ ދުވަސް ވެގެން ދިޔައިރު ވެސް ފުވައްމުލަކުން ފެންގަނޑު ހިންދޭ ގޮތް ވަނީ ނުވެފަ އެވެ. އެކަމާ ހެދި ރަށުގެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑުކިޔަމުންނެވެ.

މިކަމާ ބެހޭ ގޮތުން އެ ރަށު މީހަކު "ހުރިހާ"އާ ވާހަކަދައްކަމުން މިއަދު ބުނީ މިދިޔަ ދެ ދުވަހު ވެސް ފުވައްމުލަކަށް ވާރޭ ވެހުނީ އާއްމުކޮށް ވެސް ވާރޭ ވެހޭ ވަރަށް ކަމަށެވެ.

"ވަކި އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުނީއެއް ނޫން. ރަށުގައި ކިތަންމެ ފެންބޮޑު ވިޔަސް މީގެ ކުރިން ލަސްވެގެން ހައެއްކަ ގަޑިއިރުގެ ތެރޭގައި މުޅި ރަށުން ފެންގަނޑު އެއްކޮށް ހިންދާލެވޭ،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ މިފަހަރު ފެންގަނޑު ނުހިދި ދެ ދުވަސް ވެގެން ދިޔައީ ފެން ހިއްދުމަށް އެ ރަށުގައި ގާއިމްކޮށްފައިވާ ކާނުތައް ބެދިފައި ހުރުމުން ކަމަށެވެ. އަދި މީގެ ކުރިން ހަތަރެއް ނުވަތަ ފަސްގަޑިއިރު ތެރޭގައި ފެން ހިންދުނަސް މިފަހަރު ދެ ދުވަސް ވެގެން ދިޔައިރު ވެސް ފެން ހިންދިފައިނުވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ފުވައްމުލަކުގައި ފެންބޮޑުވި ގެއެއްގެ ބޭރުގައި އަންހެނަކު އިއްޔެ މަޑުކޮށްލައިގެން. ފޮޓޯ: ތޯރިގު

އެ ރަށުން ވާހަކަދެއްކި އެހެން މީހަކު ބުނީ މިފަހަރު ފެންބޮޑުވެ ނުހިނދި ލަސްވީ އެ ރަށުގައި އެމްޓީސީސީއާ ހަވާލުކޮށްގެން އަލަށް ހަދަން ފެށި މަގުގެ މަސައްކަތްކުރާ ގޮތުން ކަމަށެވެ.

"މަގުހެދުމުގެ މަސައްކަތްކުރާ ގޮތުން ރަށުން ފެން ބޭރުކުރެވޭނެ އެއްވެސް ގޮތެއް ނެތް. ކާނުތަކުން ފެން ބޭރުކުރުން ވަނީ ގާތްގަނޑަކަށް އެއްކޮށްހެން ހުއްޓިފައި،" އެ މީހާ ބުންޏެވެ.

ފުވައްމުލަކުން ވާހަކަދެއްކި މީހާ ބުނީ މިފަހަރު ފެންބޮޑުވުމުން، މިދިޔަ 40 އަހަރުގެ ތެރޭގައި ނުވާ ވަރުގެ ބޮޑު ގެއްލުމެއް މިފަހަރު އެރަށުގެ ގޭތަކަށް ލިބިފައިވާ ކަމަށެވެ.

"މިއީ ސީދާ އެމްޓީސީސީ އާއި ކައުންސިލްގެ އިހުމާލުން ލިބުނު ގެއްލުމެއް. އެމްޓީސީސީން މަގުހެދުމުގެ މަސައްކަތްކުރާއިރު އެއްވެސް ވަރަކަށް ނެތް ރަށުގައި ސްޓޯމް ވޯޓާ ޑްރައިނޭޖް ސިސްޓަމެއް ގާއިމުކޮށްފައި،" އެ މީހާ ބުންޏެވެ.

މެދަށް އަޑިކޮށް އޮންނަ ރަށުގައި މަގު ހަދާއިރު ފެންބޮޑުވުމުން އަވަހަށް ފެން ހިންދުމަށް އެކަށީގެންވާ ޕަމްޕް ސިސްޓަމެއް ރަށުގެ އެކި ސަރަހައްދުގައި ގާއިމުކުރަން ޖެހޭ ކަމަށް ވެސް އޭނާ ދެކެ އެވެ.

ފުވައްމުލަކުން ފެން ހިންދާ ކާނެއް ބެދި ފެންބޮޑުވެފައި. ފޮޓޯ: ތޯރިގު

ފުވައްމުލަކުގައި ފެން ބޮޑުވެފައި ވާތީ އެކަމާ ގުޅޭ ގޮތުން ކުރީގެ ކޮމިއުނިކޭޝަން އެންޑް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިޚާބެއް ބޯމަތިވެފައި ނެތީމަ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށް އަޅާލާތަން ނުފެންނަ ކަމަށާއި ދެ ދުވަސް ވީއިރު ވެސް ފުވައްމުލަކު އޮތީ ފެނުއަޑީގައި ކަމަށެވެ.

އެ ރަށުގެ ފެން ނުހިންދި 36 ގަޑިއިރަށްވުރެ ގިނައިރުވި އިރު، ރިޔާސީ އިންތިހާބުގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީއަށް ދީފައިވެ އެވެ. އަދި އޭގެ ފަހުން 2019 ގައި ބޭއްވި މަޖްލިސް އިންތިހާބުގައި ފުވައްމުލަކުގެ ތިން ގޮނޑި އާއި މިދިޔަ މަހު ބޭއްވި ކައުންސިލް އިންތިހާބުގައި ދެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ދިނީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއަށެވެ.

ނަމަވެސް ސަރުކާރު ހިންގާ ޕާޓީއަށް މިވަރުގެ ބޮޑު މެޖޯރިޓީއެއް ދިން ރަށުގައި ފެންބޮޑުވެ، ޖަންކްޝަންތަކުން ފެންބޮޑުވެ، ގޭގެއަށް ނަޖިސް ފެންވަދެ، އެ ފެންތައް ނުހިންދި ގިނަ ދުވަސްތަކެއްވެފައި ވަނީ ކައުންސިލާއި ސަރުކާރު ފެއިލްވުމުން ކަމަށް ބުނެ އެތައް ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އަދި ހެދިފައިވާ ފެންގަނޑު ނުހިންދި ރަށުގައި ބޮޑު ބަލިމަޑުކަމެއް ފެތުރިދާނެ ކަމުގެ ބިރުހީވެފައިވާ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މިކަމާ ގުޅޭ ގޮތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު "ހުރިހާ"އަށް މިއަދު ވިދާޅުވީ ރަށުގެ ކާނުތަކުން ފެން ހިންދުމަކުން މިކަމަށް ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި މިހާރު ފުވައްމުލަކުގެ މަގުތައް ހަދަމުން އަންނައިރު ރަނގަޅު ފެންވަރެއްގެ ފެން ހިއްދާ ނިޒާމެއް ގާއިމް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ލިރާރު ވިދާޅުވީ މިހާރު ވެސް ކައުންސިލުން ފެން ހިއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ވިއްސާރާގައި އެ ރަށުގެ 60 ޕަސެންޓް ގެތަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައާ ބެހޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރަށްރަށުގައި ފެންބޮޑުވި ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ވަރަށް ކައިރިން ބައްލަވަމުން ކަމަށެވެ. ނަމަވެސް ފުވައްމުލަކު ރައްޔިތުންގެ ހާލު ބެއްލެވުމަށް ރައީސް ސޯލިހާއި ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމް ހާލު ބެއްލެވި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

"ފެންބޮޑުވެ އުދައެރުމުގެ މައްސަލަޔަށް ދާއިމީ ހައްލެއް ލިބޭނީ ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމެއް ރަށްރަށުގައި ހެދިގެން. މި ސަރުކާރުން ހިންގާ މަގުހެދުމުގެ ޕްރޮޖެކްޓެއްގެ ސްކޯޕްގައި ސްޓޯމް ވޯޓާ ޑްރެއިނޭޖްގެ މަސައްކަތް ހިމެނޭ،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތުން އައްޑު އާއި ފުވައްމުލަކުގައި ސްޓޯމް ވޯޓާ ޑްރެއިނޭޖް ސިސްޓަމް ގާއިމުކުރެވޭނެ ކަމަށެވެ.

ފުވައްމުލަކުގެ ވަރަށް ގިނަ ގޭގޭގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެތި ހަލާކުވެފައިވާތީ އެކަމަކު ބަދަލު ރައްޔިތުންނަށް ދޭނެތޯ ދެންނެވުމުން މަބްރޫކް ވިދާޅުވީ މިވަގުތު ފޯކަސްއަކީ އިމަޖެންސީ އޮޕަރޭޝަން ކަމަށެވެ.