އަރަބި ކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ ބާރުގަދަ ވެފައިވާއިވީ ނަމަވެސް އެ ތޫފާނުގެ ސަބަބުން ރާއްޖެ އަށް ޖެހެމުންދާ ގަދަ ވަޔާއި ވިއްސާރަ މިރެއިން ފެށިގެން މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިންް މިއަދު ބުނެފި އެވެ.

އަރަބި ކަނޑުގައި މިހާރު އުފެދިފައިވާ ތޫފާނަށް ދީފައިވާ ނަމަކީ "ޓައުޓޭ" އެވެ. އެ ތުފާނޫގެ މިސްރާބު މިހާރު ހުރީ ރާއްޖެއާ ދުރަށެވެ. ރާއްޖޭގެ އެންމެ އުތުރުން ހއ. ތުރާކުނާ، ގާތްގަނޑަކަށް 400 މޭލު ދުރުގައި ތޫފާން މިހާރު އޮތްއިރު ތޫފާނާ ގުޅިގެން ރާއްޖޭގެ ސަރަހައްދަށް ޖެހެމުންދާ ގަދަ ވަޔާއި ވިއްސާރަ ވެސް މިރެއިން ފެށިގެން މަޑުވަމުން ދާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ބުނީ ތޫފާނުގެ ގަދަ ވަޔާއި ވިއްސާރަ މަޑުވާން ފެށި ނަމަވެސް ހުޅަނގު މޫސުމުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރު އެކި ސަރަހައްދުތަކަށް ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ތޫފާން އަރާނެކަމަށް ލަފާކުރެވެނީ އިންޑިއާގެ ހުޅަނގު ސަަރަހައްދަށާއި ޕާކިސްތާނަށެވެ. ސައިންސްވެރިން ލަފާކުރަނީ އެއީ ކައިރި މާޒީއެއްގައި އިންޑިއާއަށާއި ޕާކިސްތާނަށް އަރާފައި ނުވާ ވަރުގެ ބާރުގަދަ ތޫފާނަކަށް ވާނެ ކަަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން މުޅި ރާއްޖެ އަށް މިދިޔަ ދުވަހު އޮތީ އެކި އެލާޓްތައް ނެރެފަ އެވެ. އެގޮތުން ހއ. އިން ފެށިގެން ރ. އަތޮޅަށް ޔެލޯ އެލާޓް ނެރެފައިވާއިރު ބ. އަތޮޅުން އައްޑޫ އަށް ނެރެފައި ވަނީ ވަައިޓް އެލާޓެވެ.އެންމެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައި އޮތް ހއ. އިން ރ. އަށް ގަަޑިއަކު 55 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި އަދި ރަށްރަށަށް ރާޅު އަޅާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

ހއ. އަތޮޅަށް އިއްޔެ ވެސް ވަރަށް މޫސުން ގޯހެވެ. އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނާ ގޮތުގައި މިއިން ދުވަހަކު ވައިގަދަ ނުވާ ވަރަށް އިއްޔެ ވައި ބާރުވި އެވެ.

މިހާރު ކުރަމުންދާ ވިއްސާރާއިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަަށަކީ ހއ. ހޯރަފުއްޓެވެ. ރަށު ތެރެއިން ބިން ހިއްކަައިގެން ތަރަައްގީކޮށްފައި އޮތް ހޯރަފުށީ އެއާޕޯޓަށް ވަރަށް ބޮޑަށް ރާޅުއެރުމު ސަބަބުން އެއާޕޯޓަށް ވަނީ ގެއްލުންވެފަ އެވެ،