ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ އަމަލުތައް ކުށްވެރިކުރާ ކަމަށާއި މިފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުންނާއި މުޖުތުމައު ނުރައްކަލަށް ހުށަހެޅިފައިވާތީ ކަންބޮޑުވާކަމަށް، ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
މަޖިިލީހުން އެގޮތަށް ބުނީ، ކުރީގެ ރައީސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިއަދު ނެރުނު ކުރު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ވަނީ ނަޝީދަށް ލިބުނު ޒަހަމްތަކުގެ ފޮޓޯތަށް ވެސް ހިމަނައިފަ އެވެ،
ނަޝީދަށް ލިބިވަޑައިގެންފައިވާ ޒަހަމްތައް އެ ބަޔާނުގައި ބުނީ ނަޝީދުގެ ފުރާނަފުޅަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާއިން އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ރަނގަޅުވަމުން އައި ކަމުގައި ވީނަމަވެސް، އެމަނިކުފާނުގެ ފުރާނަފުޅަށާއި ދިވެހި ރައްޔިތުންނަށް އޮތް ނުރައްކާ އަދިވެސް ފިލައިނުދާ ކަމަށެވެ.
"މި ފުރުސަތުގައި ހަރުކަށި ފިކުރަށް ނިސްބަތްވާ ބަޔަކު ހިންގަމުންދާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ފަދަ އަމަލުތަކުން ރާއްޖޭގެ ރައްޔިތުން ނުރައްކަލަށް ހުށަހެޅިފައިވާކަމީ ނުހަނު ކަންބޮޑުވާކަމެއްކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު އެބައޮތް ކަމަށާއި އެކަމާ ދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ވާހަކަފުޅު ދެއްކެވީ ރައީސް ނަޝީދެވެ. މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި އެ މަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވީ ކިރިޔާ އެވެ.
އެ ހަމަލާއާ އެކު އެމަނިކުފާނު ބިން މައްޗަށް ވެއްޓިވަޑައިގަތީ ސީރިއަސް ޒަހަމްތަކަކާ އެކުގަ އެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ހާލު ކްރިޓިކަލް އެވެ. ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެފައި ހުއްޓެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް ކުރި އެވެ.