ކުރިއަށްވުރެ ބޮޑަށް ރައްޔިތުންގެ ބައިވެރިވުން ޝާމިލްވާ ގޮތަށް ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތައް ތަންފީޒުކޮށް ނިޒާމަށް ގެނައި ބަދަލުގެ މަންފާ ރައްޔިތުންނަށް ހޯދައިދިނުމަށް މަސައްކަތް ކޮށް ދެއްވުމަށް، މަގާމާ ހަވާލުވެވަޑައިގެންނެވި ކައުންސިލަރުންނަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފި އެވެ.
އެމަނިކުފާނުގެ އެ އިލްތިމާސް އައީ މިރޭ ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅު ތެރެއިންނެވެ.
ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދަކީ ރައީސް ވިދާޅުވީ މިއަދަކީ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށެވެ. އަދި ހަގީގީ ލާމަރުކަޒީ ނިޒާމުން އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް ހިންގަން ފެށުނު ދުވަސްކަމަށް ކަމަށާއި މިއަދަކީ ފުރަތަމަ ފަހަރަށް ރައްޔިތުންގެ އާންމު ވޯޓަކުން އިންތިހާބުކުރި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ގާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަހަށް ވުމަކީވެސް މިއަދުގެ ތާރީހު ހާއްސަވާ ދުވަހެއް ކަމަށެވެ.
".މިދެންނެވި ހުރިހާ ކަމަކުންވެސް ދޭހަވަނީ ލާމަރުކަޒީ ނިޒާމު ހިންގާނެ މީހުން ކަނޑައެޅުމުގައި ރައްޔިތުންގެ ބައިވެރިވުން ހިމެނިފައި އޮތް މިންވަރު. އެހެންވީމާ މިއަދު މި ހިނގަން ފަށާ ކައުންސިލްތަކުން އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ގައުމީ ތަރައްގީގެ ޕްލޭނާ އެއްގޮތަށް ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ސިޓީތަކާއި ރަށްތައް ތަރައްގީ ކޮށްދިނުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވާހަކަފުޅުގެ ތެރެއިން ފާހަގަކުރެއްވީ، މި ފަހަރު އިންތިހާބުކުރި ކައުންސިލްތަކުގެ އެންމެ ބޮޑު އެއް ތަފާތަކީ ކައުންސިލަރުންގެ ގޮތުގައި އިންތިހާބުކުރި މީހުންގެ ތިން ބައިކުޅަ އެއް ބަޔަކީ އަންހެނުންނަށްވުން ކަމަށާއި އެހެންކަމުން ސިޔާސީ ގޮތުންނާއި އިޖްތިމާއީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި ގައުމީ ތަރައްގީގައި އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމާއި ރަށު ތަރައްގީގައި އަންހެނުން ބައިވެރިކުރުމުގައި ވެސް އައު ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
އިތުރަށް އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ހިއްސާ އިތުރުވުމުން ގައުމީ ތަރައްގީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.
"ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ގެނައި މި ބަދަލުތަކާ އެކު ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީހުގައި މިއަދު މި ވަނީ މުޅިން އައު ސަފްހާއެއް ލިޔަން ފަށާފައި. މި ސަފްހާގެ ދެލިގަނޑު ފޭދުނަ ނުދީ ކުލަގަދަ އަކުރަކުން ލިޔުއްވަމުން ގެންދެވުމަކީ މިއަދު މަގާމާ ހަވާލުވެވަޑައިގަންނަވާ ތިޔަ ކައުންސިލަރުންގެ އެންމެ މަތީ ޒިންމާ ކަމުގައި ހެއްދެވުމަށް އަޅުގަނޑު އިލްތިމާސް ކުރަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައްޔިތުންގެ ލާބަޔާއި މަސްލަހަތަށް އިސްކަން ދެއްވާ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްގޮތަށް ތަރައްގީގެ ޕްލޭންތައް ތައްޔާރުކޮށް އެ ޕްލޭނާ އެއްގޮތަށް ރަށްރަށާއި ސިޓީތައް ތަރައްގީ ކުރުމަށް ހާއްސަ ސަމާލު ކަމެއް ކައުންސިލަރުން ދެއްވަން ޖެހިވަޑައިގަންނަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ،
"ތިޔަ ބޭފުޅުން މިއަދު ކައުންސިލް އިދާރާތައް ހިންގެވުމާ ތިޔަ ހަވާލުވެވަޑައިގަންނަވަނީ ހަމައެކަނި ވަޒީފާއެއް އަދާކުރެއްވުމުގެ ހައިސިއްޔަތަކުން ނޫން. ތިޔަ ބޭފުޅުންގެ ކޮނޑުފުޅުގައި މިއަދު އެޅިގެންދާ ގައުމީ ވާޖިބާއި ޒިންމާ އެއަށްވުރެ މާބޮޑު. ތިޔަ ބޭފުޅުންގެ އެންމެ ބޮޑު ޒިންމާއަކީ ތިޔަބޭފުޅުންނާ ހަވާލުކުރެވޭ ރައްޔިތުންގެ އަމާނާތަށް ފުރިހަމައަށް ރައްކާތެރިވެ ތިޔަ ބޭފުޅުންގެ ރަށާއި އަތޮޅާއި ސިޓީ ތަރައްގީ ކޮށްދެއްވުން. މިއީ މަސައްކަތްކޮށް ނަތީޖާ ނެރެންވީ ވަގުތު. މިއީ ލާމަރުކަޒީ ނިޒާމަށް މި ގެނައި ބަދަލުތަކުގެ ލާބަޔާއި މަންފާ ރައްޔިތުންނަށް ހޯދައިދޭންވީ ވަގުތު،" ރައީސް ސޯލިހު ވިދާޅުވި އެވެ.