ހޫތީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައި، ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރިޔާދާއި ކައިރީގައިވާ އަލް-ހަރްޖް ސިޓީއަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ދެ އިންޒާރެއް ސައުދީ ސިވިލް ޑިފެންސުން ނެރެފި އެވެ. ކޮންމެ އިންޒާރަކަށް ފަހު، ނުރައްކާ ނެތްކަން ކަށަވަރުކޮށްދީ އާންމު ހާލަތަށް ރުޖޫއަވުމުގެ އިއުލާނެއް ވަނީ ނެރެފަ އެވެ.
ފުރަތަމަ އިންޒާރު ނެރެފައިވަނީ އެ ގައުމުގެ ގަޑިން ފަތިހު 2:58 ހާއިރު އެވެ. އެ ވަގުތު ރިޔާދުން ދެ ގޮވުމެއްގެ އަޑު އިވުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އޭގެ ކުޑަ އިރުކޮޅެއް ފަހުން ނުރައްކާ ފިލާފައިވާކަން އިއުލާންކުރި އެވެ.
މީގެ އިތުރުން، ސައުދީގެ ހުޅަނގު ދެކުނުގައިވާ ފަރަސާން ޖަޒީރާތަކަށް ވެސް މިފަދަ އިންޒާރެއް ނެރުނެވެ.
ދެވަނަ އިންޒާރު ރިޔާދާއި އަލް-ހަރްޖަށް ނެރުނީ ފަތިހު 5:19 ގައެވެ. އަދި އޭގެ 10 މިނެޓު ފަހުން ސިވިލް ޑިފެންސުން ވަނީ ނުރައްކާ ނިމުމަކަށް އައިސްފައިވާކަން އިއުލާންކޮށްފަ އެވެ.
މި އިންޒާރުތައް ރައްޔިތުންގެ ފޯނުތަކަށް ފޮނުވާފައިވަނީ ގައުމީ ކުއްލި އިންޒާރު ދޭ ޕްލެޓްފޯމް މެދުވެރިކޮށެވެ. ވެރިރަށުގެ ރައްޔިތުންނަށް ލިބުނު އެއް މެސެޖުގައި ބުނެފައިވަނީ މި ސަރަހައްދަށް ދެކޮޅުވެރި ވައިގެ ހަމަލާއެއްގެ ނުރައްކާ އެބައޮތް ކަމަށެވެ.
ރިޔާދަށް މިއީ އާދަޔާ ހިލާފު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނު އިރު، ރައްޔިތުން ގޭތެރޭގައި މަޑުކުރުމަށާއި، ކުޑަދޮރުތަކާއި ހާމަ ސަރަހައްދުތަކާ ދުރުގައި ތިބުމަށާއި، ރަސްމީ ސަލާމަތީ އިރުޝާދުތަކަށް ތަބާވުމަށް އިލްތިމާސްކުރި އެވެ.
ހުކުރު ދުވަހު ވެސް ސިވިލް ޑިފެންސުން ވަނީ މައްކާ ޕްރޮވިންސްގެ ޖިއްދާ އާއި ތާއިފް، އަސީރު ޕްރޮވިންސްގެ ހަމީސް މުޝައިތު އަދި މަދީނާ ޕްރޮވިންސްގެ އަލްއުލާ ހިމެނޭ ގޮތަށް ގައުމުގެ އެކި ސަރަހައްދުތަކަށް މިފަދަ އިންޒާރުތަކެއް ނެރެފަ އެވެ.
އެންމެ ފަހުގެ އިންޒާރުތައް މި އައީ، ޔަމަނުގެ ވެރިރަށް ސަންއާގައި އެތައް ބަޔަކު ނުކުމެ މުޒާހަރާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ހޫތީން ބުނީ އެޖަމާއަތުން މައްކާއަށް ހަމަލާދޭން އުޅޭކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ޕްރޮޕެގަންޑާ ފަތުރައި ނަފުރަތު އުފައްދަން އުޅުނު ކަމަށް ބުނެ، އެކަން ހުއްޓުވާފައިވާ ކަމަށާއި އޭގެ ބަދަލު ހިފާނެ ކަމަށް ހޫތީ ތަރުޖަމާނު ޔަހްޔާ ސަރީއު ބުނިތާ މަދު ގަޑިއިރުތަކެއް ފަހުން ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެ އެވެ.
ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ސައުދީ އަރަބިއްޔާއިން ވަނީ ޔަމަނުގެ 26 ސަރަހައްދަކަށް ހަމަލާދީފައިވާ ކަމަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ ބުނެފަ އެވެ. ދެ ފަރާތުގެ މެދުގައި ހަމަލާ ބަދަލުކުރުން މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ހޫތީންގެ ކޮންޓްރޯލް އޮންނަ އެކި ސަރަހައްދުތަކުގައި ހުރި އެ ޖަމާއަތުގެ މަގާމުތަކަށް އަމާޒުކޮށް، ހަމައެކަނި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ވެސް ސައުދީ އަރަބިއްޔާއިން 300 އަށްވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް އެ ޖަމާއަތުން ހުކުރު ދުވަހު ބުނެފައިވާ ކަމަށް އޭއެފްޕީން ރިޕޯޓްކުރެ އެވެ.
ސަންއާ އާއި ޔަމަނުގެ އުތުރާއި ހުޅަނގުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީން ވަނީ ފަހަކަށް އައިސް ޑްރޯން އާއި މިސައިލް ބޭނުންކޮށްގެން ސައުދީއަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. މި ހަމަލާތައް ވަރުގަދަވެފައި މިވަނީ، ރަތް ކަނޑުގައި ސައުދީއާ ގުޅުންހުރި އުޅަނދުފަހަރަށް އަމާޒުކޮށް ކަނޑުގެ ބްލޮކޭޑެއް އިއުލާންކުރި ފަހުންނެވެ.
މި ހަމަލާތަކުގެ ސަބަބުން ސައުދީގެ މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި މުހިންމު އުމްރާނީ ވަސީލަތްތަކަށް ދަނީ އަސަރުކުރަމުންނެވެ. ބުރާސްފަތި ދުވަހު ތާއިފަށް ވެއްޓުނު ހޫތީންގެ ޑްރޯންއެއްގެ ބައިތަކުން ޔަމަނުގެ ރައްޔިތަކު މަރުވެ، ސައުދީ އަންހެނަކާއި ޕާކިސްތާނު މީހަކަށް އަނިޔާވި އެވެ. މީގެ އިތުރުން ބައެއް އިމާރާތްތަކަށާއި އުޅަނދުފަހަރަށް ވެސް ގެއްލުންވި އެވެ.
މީގެ ދެ ދުވަސް ކުރިން، މައްކާގެ ވައިގެ ސަރަހައްދަށް ވަންނަން އުޅުނު ޑްރޯންއެއް ސައުދީގެ ވައިގެ ދިފާއީ ނިޒާމުން ވައްޓާލި ކަމަށް އެގައުމުން ވަނީ ބުނެފަ އެވެ. ސައުދީގެ އޮފިޝަލުން މިއީ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި ސިފަކުރެއްވި ނަމަވެސް، ހޫތީން ވަނީ މައްކާއަށް އަމާޒުކޮށް ހަމަލާ ނުދޭކަމަށް ބުނެފަ އެވެ.
އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވެސް ސައުދީއަށް އަމާޒުކުރަނީ
ސައުދީ އަރަބިއްޔާއަށް އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތައް ވެސް ދަނީ ކުރިމަތިވަމުންނެވެ.
ސެޕްޓެމްބަރު 11 ގައި ރިޔާދާއި މަދީނާ ސަރަހައްދަށް ދިން ޑްރޯން ހަމަލާތަކަކާ ގުޅިގެން، ސައުދީގެ އިރުމައްޗާއި ހުޅަނގު ގުޅުވައިދޭ ތެޔޮ ހޮޅި ވަގުތީ ގޮތުން ބަންދުކުރަން ޖެހުނެވެ. ސައުދީން ބުނި ގޮތުގައި އެ ޑްރޯންތައް ފޮނުވާލާފައިވަނީ އިރާގުންނެވެ.
މި ތެޔޮ ހޮޅިއަކީ ހޮރްމުޒް ކަނޑުއޮޅި ބޭނުން ނުކޮށް ސައުދީގެ ތެޔޮ އެކްސްޕޯޓް ކުރުމަށް އޮތް މުހިންމު ވަސީލަތެކެވެ.
އދ. އިން ބުނާ ގޮތުގައި މި ފަހަކަށް އައިސް 112,000 އަށް ވުރެ ގިނަ މީހުން ޔަމަނުގެ އެތެރޭގައި ރެފިއުޖީންނަށް ވެފައިވާ އިރު، 3,000 އެއްހާ މީހުން ވަނީ ކަނޑުމަގުން ޖިބޫތީއަށް ހިޖުރަކޮށްފަ އެވެ.
ރަތް ކަނޑުގެ ސަރަހައްދުގައި ހޫތީންގެ ބާރު ގަދަވަމުން ދިއުމަކީ، ދުނިޔޭގެ ވިޔަފާރި އާއި ހަކަތަ އުފުލާ މުހިންމު މަގު ކަމުގައިވާ ބާބުލް މަންދަބު ކަނޑުއޮޅީގެ ސަލާމަތާ މެދު އޮތް ބޮޑު ކަންބޮޑުވުމެކެވެ.
ބޮޑެތި ބައެއް މީޑިއާތައް ވައިޓް ހައުސްއަށް ވަނުން މަނާކޮށްފި
ރިއަލިޓީ ޝޯ "ދަ ކާޑޭޝިއަންސް" ސީޒަން 8ގެ ޓްރެއިލާ އާއްމު ކޮށްފި
އަމީނީ މަގުގެ ފުރަތަމަ ސެގަމަންޓުގައި ތާރުއަޅަން ފަށައިފި

ހޫތީން ތާއިފަށް ދިން ހަމަލާއެއްގައި މީހަކު މަރުވެއްޖެ
ސައުދީ އާއި ހޫތީންގެ ހަމަލާތަކާއެކު ހަނގުރާމަ ފުޅާވަނީ
ހޫތީންގެ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު