އިލެކްޝަން ކޮމިޝަންގެ ރައީސް، މުހައްމަދު ޝަކީލުއާ ދެކޮޅަށް ޕީއެންއެފް އިން ފުލުހަށް ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްދީފި އެވެ.

ޕީއެންއެފުން ބުނީ އެ މައްސަލަ ރަޖިސްޓްރީކުރި ކަމުގެ ލިޔުން ފުލުހުން މިއަދު ދީފައިވާ ކަމަށެވެ.

ޕީއެންއެފްގެ ދަފްތަރުގައި ހިމެނޭ ގިނަ އަދަދެއްގެ މެންބަރުން، އެ މެންބަރުންނަށް އެއްވެސް މިންވަރަކަށް އެނގުމަކާ ނުލައި ޕާޓީގެ ދަފްތަރުން އުނިކޮށް، ވެރިކަންކުރާ ޕީއެންސީއަށް ބަދަލުކޮށްފައިވާ މައްސަލައާ ގުޅިގެން، ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ޕާޓީގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

މި މައްސަލައަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގަށް އަރައިގަނެ، އާންމު ރައްޔިތުންނާއި މި ޕާޓީގެ މެންބަރުންގެ ޒާތީ މައުލޫމާތާއި ސައްޙަ ލިޔެކިޔުންތައް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާފައިވާ ބޮޑު "އައިޑެންޓިޓީ ތެފްޓް"ގެ އަމަލެއްގެ ގޮތުގައި ޕީއެންއެފުން ސިފަކޮށްފައިވެ އެވެ.

ޕީއެންއެފުން ހާމަކޮށްފައިވާ ގޮތުގައި މިހާތަނަށް 2500 އަށް ވުރެ ގިނަ މެމްބަރުން އެ މެމްބަރުންނަށް ނޭނގި އެ ޕާޓީއިން ވަނީ ވަކިކޮށްފަ އެވެ.

އެ ތުހުމަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ދޮގުކޮށްފަ އެވެ.