ފަލަސްތީނަށް ތާއީދުކޮށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިރޭ ކުރި ޓުވީޓް ފޮހެލައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ހިންގާ އެމްއޭސީއެލް އިން މިއަދު ކުރި ޓުވީޓް ފޮހެލި ސަބަބު އޮޅުންފިލުވަން "ހުރިހާ" އިން ގުޅުން އެ ކުންފުނީގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ހެޑް ހަސަން އަރީފް ފޯނަށް ޖަވާބެއް ނުދެއްވި އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ފަލަސްތީނަށް ތާއީދުކޮށް ކުރި ޓުވީޓް ފޮހެލީ އެ ކުންފުނީގެ އިނގިރޭސިވިލާތުގެ ސިއީއޯ ގޯޑަން އެންޑްރޫ ސްޓުއާޓް އަންގައިގެންނެވެ.

އެމްއޭސީއެލް އިން ހިންގާ ދެ ޓުވިޓާ ހެންޑަލް @އެމްސީއެލްމީޑިއާ އެކައުންޓާއި @ވެލާނާއެއާޕޯޓު ޓުވިޓާ އެކައުންޓުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އިންސާނިއްޔަތާ ހިލާފު އަދި ޓެރެރިސްޓު ހަމަލާ ކުށްވެރިކުރާ ބުނެ މިރޭ 7:03ގައި ޓުވީޓްކުރި އެވެ. ނަމަވެސް އެ ދެ ޓުވީޓް މިހާރު ފެންނާކަށް ނެތެވެ.

ގިނަ ބަޔަކު ފާޑުކިޔަން ފެށުމުން އެމްއޭސީލް މިރޭ ފޮޓޯ ބަދަލުކުރުމަށްފަހު އަލުން ވަނީ ޓުވީޓްކޮށްފަ އެވެ. ނަމަވެސް ވެލާނާ އެއާޕޯޓުގެ ޓުވިޓާ ހެންޑަލް އިން އަދިވެސް އަލުން ޓުވީޓެއް ނުކުރެ އެވެ.

އެމްއޭސީއެލްގެ ޓުވީޓް ޑިލީޓްކުރިއިރު މާލޭގައި ޒުވާނުން އިސްނަގައިން ވަނީ ދިވެހިން ޕަލަސްތީނާ އެކު ތިބިކަން އަންގައިދޭން މިއަދު މާލޭ ސަރަހައްދުގައި ފަލަސްތީނުގެ ދިދަތައް ވިހުރުވާލައި ޝުއޫރު ފާޅުކޮށްފަ އެވެ.