ތިބާއަކީ ލޯބީގައި ހިތި ތަޖުރިބާއެއް ކުރެވުނު ފަރާތެއް ހެއްޔެވެ؟ ހިތާއި ރޫޙުން މީހަކު ދެކެ ލޯބިވެ އޭގެ ބަދަލުގައި ހިތްދަތިކަމާއި ކެކުޅުން ލިބުނު ފަރާތެއް ހެއްޔެވެ؟ ލޯބީގެ އުއްމީދު ކެނޑި އޭގެ ޚިޔާލުންވެސް ހިތަށް އުނދަގޫވާ ފަރާތެއް ހެއްޔެވެ؟ އެހެން ކަމަށް ވަނީނަމަ ދަންނާށެވެ! ތިޔައީ ތިބާގެ އެކަނި ޙާލެއް ނޫނެވެ.

ފާއިތުވެ ދިޔަ މާޒީގައި ކުރެވުނު ހިތި ތަޖުރިބާއައްގެ ސަބަބުން "ލޯބި" މި ލަފްޒުގެ މަތިން ފޫހިވި އެތައް ބަޔަކުވެ އެވެ. ދެން ބައިވެރިއަކު ހޯދުމަށް ވުރެ އެކަނިވެރިކަމުގައި މުޅި ޙަޔާތް ވޭތު ކުރުން ވެސް މާ ރަނގަޅުވާނެ ކަމަށް އެ ފަރާތްތަކަށް ހީވެދާނެ އެވެ. އިތުރު ނަފްސާނީ އަދި ޖިސްމާނީ އަނިޔާއެއް ލިބިދާނެކަމުގެ ބިރަށްޓަކަ އެވެ.

ނަމަވެސް ހަގީގަތަކީ އެއީއެއް ނޫނެވެ. ކުރެވުނު ހިތި ތަޖުރިބާއެއްގެ މައްޗަށް ތިބާގެ ދިރިއުޅުން ބައްޓަން ކުރުމަކީ ބުއްދިވެރިކަމެއް ނޫނެވެ. އެހެނީ ހުރިހާ އެންމެންނަކީ އެއްކަހަލަ ބައެއް ނޫނެވެ. ލޯބީގެ ގުޅުމަށް ގަދަރުކޮށް އިހުތިރާމު ކުރާ ބަޔަކު ވެސް އުޅޭނެ އެވެ. ހަމައެކަނި ތިބާއަށްޓަކައި ލެއްވެވި ތިބާގެ ހަޔާތުގެ ބައިވެރިޔާ ވެސް އޭގެ ތެރެއިން ވާނެ އެވެ.

އެ މީހަކު ވާނީ ތިބާގެ ޚިޔާލުގައި ކުރެހި ފަދަ ބައިވެރިއަކަށެވެ. ތިބާގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އިސްކަން ދޭނެ ފަރާތަކަށެވެ. މާޒީގައި ލިބުނު ޒަހަމްތަކުގައި ލޯތްބާއިއެކު މަރުހަމް އަޅައިދީ ފަރުވާ ކޮށްދޭނެ ފަރާތަކަށެވެ. އެ ހިތި ތަޖުރިބާތައް ތިބާގެ ހަނދާނުން ފޮހެލަދޭނެ ފަރާތަކަށެވެ.

ތިބާއަށް އެންމެ ރަނގަޅު ގޮތް ދެނެވޮޑިގެންވަނީ ކަށަކުޅަދުންވަންތަ ﷲ އެވެ. އެ ކަލާނގެއީ އަޅުތަކުންނަށް ހެޔޮގޮތް މެދުވެރި ކުރައްވާ ރަޙްމާނުވަންތަ އިލާހެވެ. ވަގުތު ޖެހުމުން ތިބާގެ ޙަޔާތުގެ ބައިވެރިޔާ އާއި ބައްދަލުވާނެ އެވެ. ހިތްވަރު އެލުވާނުލާށެވެ. ﷲއީ ތިބާގެ ހިތުގެ އުދާސްތައް ރަނގަޅަށް ދެނެވޮޑިގެންވާ އިލާހެވެ. ތިބާއަށްޓަކައި ވެސް އެ އިލާހުގެ ތަދުބީރުފުޅުގައި އުފާވެރިކަން މިންވަރު ކުރައްވާނެކަން ޔަގީން ކުރާށެވެ. އެހެންކަމުން އެކަނލާގެއަށް ވަކީލު ކުރާށެވެ. ގިނަގިނައިން ހެޔޮ ޢަމަލު ކުރުންމަތީ ދެމިހުންނާށެވެ. އިރާދަފުޅާއެކު ތިބާގެ ޒަވާޖީ ހަޔާތަށް ވެސް ބާއްޖަވެރިކަމާއި ފާގަތިކަން އަންނާނެއެވެ.