ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސް އޮފީހުގެ ސެކްރެޓަރީގެ މަގާމުގައި ހުންނެވި ޞަބްރާ އިބްރާހީމް ނޫރައްދީނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރސް އޮފީހުގެ ސެކްރެޓެރީގެ މަޤާމުގައި ހުންނެވި އާއިޝަތު ނޫޝީން ވަހީދާ ގުޅޭ ގޮތުން ދިޔަރެސް ނޫހުގައި ލިޔުނު ރިޕޯޓަކާ ގުޅިގެން ރައީސް އޮފީހުން ބަޔާނެއް ނެރެފި އެވެ.

މިއީ ނޫހެއްގައި ލިޔުނު ލިޔުމަކާ ގުޅިގެން ރައީސް އޮފީހުން މިފަހުން ބަޔާނެއް ނެރުނު ފުރަތަމަ ފަހަރެވެ.

"ރައީސް އޮފީހުން ކުރާ އިންޓެލިޖެންސް އޮޑިޓުގައި ކަންބޮޑުވާންޖެހޭ އެތައް ކަމެއް!" ނަމުގައި ދިޔަރެސް ނޫހުން ޝާއިއުކޮށްފައިވާ ރިޕޯޓަކީ ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ހިމެނޭ ރިޕޯޓެކެއް ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ. އެ ރިޕޯޓަކީ، ސަރުކާރުގެ އިސްވެރިންނާ ބެހޭގޮތުން ދޮގު ޚަބަރާއި މަޢުލޫމާތު ފެތުރުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއްކަންވެސް ފާހަގަކުރާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަކަށް މީހަކު ހަމަޖެއްސުމުގެ ކުރިން އެމީހަކާބެހޭ ގޮތުން ސާފުކުރަންޖެހޭ މަޢުލޫމާތާއި ކުށުގެ ރެކޯޑު ކަނޑައެޅިފައިވާ އުޞޫލުން ބަލައި، ސާފުކުރެއެވެ. މިގޮތުން، ޞަބްރާ އިބްރާހީމް ނޫރައްދީނާއި ޢާއިޝަތު ނޫޝީން ވަޙީދު މި އޮފީހުގެ ވަޒީފާއަށް އަޢްޔަނުކޮށްފައިވަނީ ޤަވާއިދުން ބަލަންޖެހޭ އެންމެހައި ކަންކަމާއި ކުށުގެ ރެކޯޑުވެސް ސާފުކުރުމަށްފަހުގައިކަން ފާހަގަކުރަމެވެ،" ރައީސް އޮފީހުން ބުންޏެވެ.

އެ ބަޔާނުގައި ވަނީ ރާއްޖޭގައި އިންޓެލިޖެންސްގެ މަސައްކަތް މިހާރެކޭ އެއްފަދައިން ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ކުރާނީ ފުލުހުންނާއި ސިފައިންގެ އިތުރުން މިހާރުވެސް އެކަން ކުރަމުންދާ އިދާރާ ތަކުން ކަމަށެވެ. އަދި، މި ރިޕޯޓުގައިވާ ފަދައިން އެ މުއައްސަސާތަކަށް އޮތް ބާރުތައް ހަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބެލުމުގެ ދަށުން މިފަދަ އިދާރާއެއް ހިންގާނެ ކަމަށް މި ރިޕޯޓުގައި ބަޔާންކޮށްފައި އޮތް އޮތުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"މިމަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާއާ ގުޅިގެން ޓެރަރިޒަމާ ގުޅޭ އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓެއް ހެދުމަށް ސަރުކާރުން ނިންމާފައިވަނީ ވަރަށް މުހިންމު މަޤްޞަދެއްގައެވެ. މިމަސައްކަތް ކުރަމުން ގެންދަވާ ކޮމިޓީގެ މެންބަރުންގެ ނަޒާހަތްތެރިކަމަށް ސުވާލު އުފައްދައި، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރޫއަރާ ފަދަ މޭރުމަކުން ދިޔަރެސް ނޫހުން ދޮގު މަޢުލޫމާތާއި ޚަބަރު ފެތުރުމަކީ، ރައްޔިތުންގެ މެދުގައި ފިތުނައަށް މަގުފަހިކޮށް، ކަންބޮޑުވުމާއި ނުތަނަވަސްކަން އުފެއްދުންކަންވެސް ފާހަގަކުރަމެވެ،" އެ ބަޔާނުގައިވެ އެވެ.

ރައީސް އޮފީހުން ބުނީ ދިވެހި ސަރުކާރުން ޤަބޫލުކުރާ އަސާސަކީ، ނޫސްވެރިންގެ މިނިވަންކަމާއި، ފާޑުކިޔުމާއި އިދިކޮޅު ފަރާތުން ދެކޭގޮތް ހާމަކުރުމުގެ ޙައްޤަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ ޙައްޤެއް ކަމަށެވެ. ނޫސްވެރިންނަކީ ވަކި އަޚްލާޤީ ހަމަތަކަކާއި ސުލޫކީ މިންގަނޑުތަކަކަށް ތަބާވާ ބަޔަކަށްވާތީ، ކުރިޔަށް އޮތްތާނގައިވެސް މި ހަމަތަކާއި އުޞޫލުތަށް ހިފެހެއްޓުމަށް ރައީސް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.