މާލޭގެ ގެސްޓްހައުސްއެއްގެ ތެރޭގައި އަންހެނަކު ރޭޕްކުރި ކަމުގެ ކުށް ސާބިތުވެ، މީހެއްގެ މައްޗަށް 15 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފި އެވެ.

މީގެ ހަތަރު އަހަރު ކުރިން ފަތިހުގެ ވަގުތެއްގައި މާލޭގެ ގެސްޓްހައުސްއަކަށް އަންހެނަކު ގެންގޮސް ރޭޕްކުރި މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ލ. މާބައިދޫ، ކަޑުރޯޅި، އިސްމާއީލް ޖުމާންގެ މައްޗަށެވެ.

ގާޒީ މުޒައްމިލް ނާސިރު އިއްވެވި ހުކުމުގައި ބުނެފައި ވަނީ ޑީއެންއޭ ތަހުލީލު ރިޕޯޓާއި، ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓުގެ އިތުރުން މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، އިސްމާއީލް ޖުމާން އަނިޔާ ލިބުނު ފަރާތާއެކު ޖިންސީ އަމަލު ހިންގާފައިވާކަން ޝަރީއަތަށް ކަށަވަރުވާ ކަމަށެވެ. އެގޮތުން އަނިޔާ ލިބުނު އަންހެން މީހާގެ ހަށިގަނޑުގެ އެކި ތަންތަނުން ނެގި ސާމްޕަލްތަކުން ޖުމާންގެ ޑީއެންއޭ ފެނިފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

މީގެއިތުރުން، އަނިޔާ ލިބުނު ފަރާތުގެ މެޑިކޯ ލީގަލް ރެކޯޑުން އޭނާއަށް ޖިންސީ އަނިޔާ ލިބިފައިވާކަން އެނގޭ ކަމަށާއި ކަރުގައި ވެސް ރަތްވެފައިވާ ތަނެއް ހުރި ކަމަށް ހުކުމުގައިވެ އެވެ.

މީހަކު ރުހުމުގައި ކުރާ ކަމެއްގައި އެފަދަ އަނިޔާތަކެއް ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ގާޒީ ވިދާޅުވެފައިވާއިރު، ޖުމާން އެ އަމަލު ހިންގާފައިވަނީ ކުށް ކުރުމުގެ ގަސްދު އޮވެމެ، އަނިޔާ ލިބުނު ފަރާތުގެ ނުރުހުމުގައިކަން އެނގިހުރެ ކަމަށް ވެސް ހުކުމުގައި ވަނީ ކަނޑައަޅާފަ އެވެ.