މަރުގެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ގޮވާލައި އދ. ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރަކާ ދެކޮޅަށް ރާއްޖެއިން ވޯޓު ދީފި އެވެ.
މެކްސިކޯއިން ހުށަހެޅި އެ ގަރާރު ފާސްކުރުމާ މެދު މިދިޔަ ބުރާސްފަތި ދުވަހު އދ. ގެ އާންމު މަޖިލީހުގައި ނެގި ވޯޓުގައި، ރާއްޖެ ހިމެނޭހެން 33 ގައުމަކުން ގަރާރާ ދެކޮޅަށް ވޯޓު ދިން ނަމަވެސް، 133 ގައުމުގެ އަގުލަބިއްޔަތުން އެ ގަރާރު ވަނީ ފާސްކޮށްފަ އެވެ.
މި ގަރާރާ ދެކޮޅަށް ރާއްޖޭގެ އިތުރުން ވޯޓު ދިން ގައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ، ޗައިނާ، ޖަޕާން، ޕާކިސްތާން، މިސްރު، ސައުދީ އަރަބިއްޔާ، ބަހްރައިން، ކުވައިތު، އުމާން އަދި ގަތަރު ހިމެނެ އެވެ.
އެ ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި މުޅި ދުނިޔޭގައި މަރުގެ އަދަބު ދިނުން މަދުކުރުމުގެ އޮއިވަރެއް އޮތް ނަމަވެސް، ފާއިތުވި އަހަރު އެ އަދަބު ތަންފީޒުކުރި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެހެންކަމުން، މަރުގެ އަދަބު އެއްކޮށް އުވާލުމަށް އަމާޒުކޮށް އެ އަދަބު ތަންފީޒުކުރުން ވަގުތީ ގޮތުން ހުއްޓާލުމަށާއި، އެ އަދަބު ހުއްޓާލާފައިވާ ގައުމުތަކުން އަލުން އެ އަދަބު ތައާރަފު ނުކުރުމަށް ގަރާރުގައި ވަނީ ގޮވާލާފަ އެވެ.
މަރުގެ އަދަބު ހުއްޓާލުމާ ދެކޮޅަށް އދ. ގައި ރާއްޖެއިން ވޯޓު ދީފައިމިވަނީ، ރާއްޖޭގައި ދަންޖައްސައިގެން މަރުގެ އަދަބު ދިނުމާއި އެ އަދަބު ތަންފީޒުކުރުމުގައި ދައުލަތުން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރާ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގަ އެވެ.
މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވި އެ ބިލުގެ މަގުސަދަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ހަރުދަނާ އުސޫލުތަކެއް އެކުލަވާލައި، އަދަބު ކަނޑައެޅުމުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ހުރިހާ ޝަރުތުތަކެއް ބަޔާންކުރުމެވެ.
އެ ބިލުގައިވާ ގޮތުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ހުކުމަކަށް ވާސިލުވެގެން މެނުވީ މަރުގެ އަދަބު ކަނޑައެއް ނޭޅޭނެ އެވެ. އަދި ތަހުގީގާއި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ކުށްވެރިޔާއަށް ފުރިހަމައަށް ލިބިދީފައިވޭތޯ ކޯޓުން ކަށަވަރުކުރަންޖެހޭނެ ކަމަށާއި، އެ ހައްގު ފުރިހަމައަށް ލިބިދީފައި ނުވާނަމަ އެ މީހެއްގެ މަައްޗަށް މަރުގެ އަދަބު ކަނޑައަޅައިގެން ނުވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީން މަޝްވަރާ ކުރަނީ
ޝާހިދުގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފި
ޝާއިފް "ރިސްކު" ވެސް ނަގާނެ ކާމިޔާބު ވެސް ކުރާނެ!