އެމެރިކާގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވިދިވިދިގެން ތިންވަނަ ދުވަހަށް އެ ޤައުމުގެ އެތެރޭގެ އުދުހުންތަކަށް ބޮޑެތި ހުރަސްތަކެއް އެޅި، 10،000 އަށް ވުރެ ގިނަ ފްލައިޓަށް އަސަރުކޮށްފި އެވެ. ނަމަވެސް، ހޯމަ ދުވަހުގެ ނިޔަލަށް ދަތުރުތައް އާންމު ހާލަތަކަށް އަންނާނެ ކަމަށް އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވަނީ ލަފާކުރައްވާފަ އެވެ.
އޭވިއޭޝަން ޑޭޓާ ޓްރެކްކުރާ "ފްލައިޓްއަވެއާ" އިން ހާމަކޮށްފައިވާ ގޮތުގައި، އާދީއްތަ ދުވަހު އެކަނިވެސް އެމެރިކާގެ އެކި ކަންކޮޅުތަކުން 2،300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްކޮށް، ގާތްގަނޑަކަށް 7،700 ފްލައިޓް ވަނީ ލަސްވެފަ އެވެ. މީގެ އިތުރުން ހޮނިހިރު ދުވަހު 6،400 އަށް ވުރެ ގިނަ ފްލައިޓް ކެންސަލްވެ، 8،000 އަށް ވުރެ ގިނަ ފްލައިޓް ލަސްވެފައިވެ އެވެ. އާދީއްތަ ދުވަހު ޖެޓްބްލޫ އެއާލައިންސްގެ %28 ފްލައިޓް އަދި އެމެރިކަން އެއާލައިންސްގެ %17 ފްލައިޓް ކެންސަލްކުރަން ޖެހުނުއިރު، ޔުނައިޓެޑް، ސައުތުވެސްޓް އަދި ޑެލްޓާ ފަދަ އެއާލައިންތަކުން ވެސް ވަނީ %3 އާއި %5 އާ ދެމެދުގެ އަދަދަކަށް ފްލައިޓްތައް ކެންސަލްކޮށްފަ އެވެ.
މި މައްސަލަ ފެށިގެން އައީ މިދިޔަ ހުކުރު ދުވަހު ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން މުޅި ޤައުމުގެ ފްލައިޓްތައް ގާތްގަނޑަކަށް ފަސް ގަޑިއިރަށް މެދުކަނޑާލަން އެންގި އެންގުމާ ގުޅިގެންނެވެ. މިއީ 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ގެ ހަމަލާތަކަށްފަހު، އެމެރިކާގެ ވައިގެ ދަތުރުފަތުރު މިފަދަ ގޮތަކަށް އެންމެ ދިގު މުއްދަތަކަށް ހުއްޓުމަކަށް އައި ފުރަތަމަ ފަހަރެވެ.
އޭބީސީގެ "ދިސް ވީކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، މިއީ ސައިބާ ހަމަލާއެއް ނުވަތަ ޤަސްދުގައި ދިން ގެއްލުމެއް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އެހެންނަމަވެސް، މައްސަލަ ދިމާވި އަސްލު ސަބަބު އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަ ދިމާވީ އެފްއޭއޭގެ ކޮންޓްރެކްޓަރެއް ކަމަށްވާ "އެލް3ހެރިސް" އިން އާކަންސޯގެ އެލް ޑޮރާޑޯގައި ހުންނަ މަރުކަޒެއްގައި އާ ރައުޓަރެއް އިންސްޓޯލް ކުރުމާ ގުޅިގެން، ޓެކްސަސްގެ އަމަރިލޯގައި ހުރި ރައުޓަރަކަށް ބާރުބޮޑުވެ، އެހެން އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރުތަކުގެ މުވާސަލާތީ ނިޒާމަށް ބުރޫއެރުމުންނެވެ. އެފްއޭއޭ އިން މިހާރު ވަނީ މި މައްސަލަ ދިމާވި ރައުޓަރުތަކުގެ އިތުރުން އެފަދަ 60 ވަރަކަށް ރައުޓަރުގެ މަސައްކަތް ހުއްޓުވާފަ އެވެ. ޑަފީ ވިދާޅުވީ މި ރައުޓަރުތަކަކީ 2001 ވަނަ އަހަރު ގަނެ، 2006 ގައި ބާވެފައިވާ ތަކެތި ކަމަށެވެ.
މި ހާދިސާއާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވައިގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީ ކުރުމަށްޓަކައި ގާނޫނު ހަދާ މަޖިލީހުން އިތުރު ބަޖެޓެއް ފާސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. ސޯޝަލް މީޑިއާގައި ޓްރަމްޕް ލިޔުއްވި ގޮތުގައި، މި މަސައްކަތް އެކިފަހަރު މަތިން ކުރުމުގެ ބަދަލުގައި އެއްފަހަރާ ނިންމަން ޖެހެ އެވެ. ޓްރާންސްޕޯޓް ސެކްރެޓަރީ ޑަފީ ވެސް ވަނީ މި ނިޒާމު މަރާމާތު ކުރުމަށް 50 ބިލިއަން ޑޮލަރުގެ އެހީއަކަށް އެދިވަޑައިގެންފަ އެވެ.
ނަމަވެސް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުން ކަމަށްވާ ރިކް ލާސަން އަދި އަންދްރޭ ކާސަން ވަނީ މިކަމާ މެދު ސުވާލު އުފައްދަވާފަ އެވެ. އެބޭފުޅުން ފާހަގަކުރެއްވި ގޮތުގައި މިދިޔަ އަހަރު އެފްއޭއޭގެ ނިޒާމު އަޕްގްރޭޑް ކުރުމަށް ކަނޑައެޅި 12.5 ބިލިއަން ޑޮލަރުގެ ތެރެއިން 11 ބިލިއަން ޑޮލަރު އަދިވެސް ބޭނުންނުކޮށް އެބައޮތެވެ. މީގެ ރައްދުގައި ޑަފީ ވިދާޅުވީ އެ ފައިސާއަކީ ވަކި ހާއްސަ ކަންތައްތަކަކަށް ކަނޑައެޅިފައިވާ އެއްޗެއް ކަމަށާއި، ވައިގެ ސަރަހައްދު ބަލަހައްޓާ ސޮފްޓްވެއާތަކަށް އެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ.
ވައިގެ ދަތުރުފަތުރުގެ ދާއިރާގެ މާހިރުންނާއި އިންޓަނޭޝަނަލް އެއާޕޯޓްސް ކައުންސިލް (އޭސީއައި) އިން ވެސް ވަނީ ހަމައެކަނި ސަރުކާރުގެ އިންވެސްޓްމަންޓްތަކަށް ބަރޯސާނުވެ، އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް މި ދާއިރާއަށް ގެނައުމަށް ގޮވާލާފަ އެވެ. އައިއޭޓީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، 2050 ވަނަ އަހަރާ ހަމައަށް ދާއިރު މުޅި ދުނިޔޭގައި ވައިގެ މަގުން ދަތުރުކުރާ މީހުންގެ އަދަދު ދެގުނައަށް އިތުރުވާނެ ކަމަށް ލަފާކުރެވެ އެވެ.
ތިނަދޫ ކައުންސިލަށް ފައިސާ ނުދައްކާ މައްސަލަތައް ކޯޓަށް
ދިރިއުޅުމުގެ އުފާވެރިކަން ނަގާލާ ބައެއް އާދަތައް
ގައުމީ ހަރަކާތުން ބާއްވާ ބޮޑު އެއްވުން ޑިސެމްބަރު 4 ގައި ބާއްވަނީ
މުވާސަލާތީ މައްސަލައަކާއެކު އެމެރިކާގެ ދަތުރުފަތުރު ހުއްޓުމަކަށް