އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރުތަކުގެ މުވާސަލާތީ ނިޒާމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، އެ ގައުމުގެ ހުރިހާ ވައިގެ ބަނދަރުތަކަކުން ފުރަން ހަމަޖެހިފައި އޮތް ހުރިހާ ފްލައިޓްތަކެއް ހުއްޓުވައި (ގްރައުންޑްކޮށް)، އެތައް ހާސް ދަތުރުތަކަކަށް ބުރޫއަރައިފި އެވެ.
ހުކުރު ދުވަހު އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން އެޅި މި ފިޔަވަޅާ ގުޅިގެން، ވައިގެ ތެރޭގައި އުދުހެމުންދިޔަ ބޯޓުތައް ޖެއްސުމުގެ ހުއްދަ ދިން ނަމަވެސް، އެއްވެސް އެއާޕޯޓަކުން އިތުރު ބޯޓެއް ފުރުން ވަނީ މަނާކޮށްފަ އެވެ. ފްލައިޓްތައް ޓްރެކްކުރާ މަޝްހޫރު ހިދުމަތެއް ކަމަށްވާ "ފްލައިޓްއަވެއާ" އިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ގާތްގަނޑަކަށް 7،000 އެއްހާ ދަތުރު ވަނީ ކެންސަލްކޮށް ނުވަތަ ފަސްކުރަން ޖެހިފަ އެވެ.
އެމެރިކާގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވީ، ހުރިހާ އެއާ ރޫޓް ޓްރެފިކް ކޮންޓްރޯލް ސެންޓަރުތަކަށް ދިމާވި މުވާސަލާތީ މައްސަލައަކާ ގުޅިގެން އެފްއޭއޭ އިން މުޅި ގައުމަށް ނޭޝަންވައިޑް ގްރައުންޑް ސްޓޮޕެއް ނެރެފައިވާ ކަމަށެވެ. އަދި އެފްއޭއޭގެ ޓެކްނީޝަނުން މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި، އާ މައުލޫމާތު ލިބެމުންދާ ވަރަކަށް ހިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުޅި ގައުމަށް މި އެންގުން އައުމުގެ ކުޑައިރުކޮޅެއް ކުރިން، ޗިކާގޯގެ ވައިގެ ސަރަހައްދުގައި މުވާސަލާތީ މައްސަލަތަކެއް ދިމާވެގެން އެ ސަރަހައްދުގެ ދަތުރުތައް ވެސް ވަނީ މެދުކަނޑާލާފަ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތަކާ މެދު އަމަލުކުރާނީ ވަކިވަކި ކަންކަމަށް ބަލައިގެން ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ.
އެއާޕޯޓްތަކަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެ، އެތައް އިރެއް ވުމަށްފަހު، އެފްއޭއޭ އިން ވަނީ ފަހުން މި ގްރައުންޑް ސްޓޮޕް އުވާލައި އަލުން ދަތުރުތައް ފެށުމުގެ ހުއްދަ ދީފައެވެ.
މިއީ ސެޕްޓެމްބަރު 11، 2001 ގެ ޓެރަރިސްޓް ހަމަލާތަކަށްފަހު، އެމެރިކާގައި ފުރަން ހުރި ހުރިހާ ފްލައިޓްތަކެއް އެއްފަހަރާ ހުއްޓުވި ދެވަނަ ފަހަރެވެ. މީގެ ކުރިން މިފަދަ ކަމެއް ހިނގާފައިވަނީ ޖެނުއަރީ 2023 ގައެވެ. ނަމަވެސް އެ ފަހަރު ދަތުރުތައް މެދުކަނޑާލީ ދެ ގަޑިއިރަށްވުރެ ކުރު މުއްދަތަކަށެވެ. މިއަދުގެ ހާދިސާ ވެގެން ގޮސްފައިވަނީ 9/11 ގެ ފަހުން މުޅި ގައުމުގެ ފްލައިޓްތައް އެންމެ ގިނަ ވަގުތަށް ހުއްޓުވަން ޖެހުނު ފަހަރަށެވެ.
މި ހާދިސާއަކީ އެމެރިކާގެ އެއާ ޓްރެފިކް ކޮންޓްރޯލް ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހާމަވެގެންދިޔަ އަނެއް ކަމެކެވެ. ވަސީލަތްތައް ބާވުމާއި، މުވާސަލާތީ މައްސަލަތަކުގެ އިތުރުން ކޮންޓްރޯލަރުންގެ ދަތިކަން ވަނީ ބޮޑުވެފަ އެވެ. މި ނިޒާމު ޒަމާނީ ކުރުމަށްޓަކައި ކޮންގްރެސް އިން މިދިޔަ އަހަރު 12.5 ބިލިއަން ޑޮލަރު ފާސްކޮށްދީފައިވާއިރު، އިތުރު 30.1 ބިލިއަން ޑޮލަރު ހޯދުމަށް އެފްއޭއޭ އާއި ވައިޓް ހައުސް އިން ވަނީ ހުކުރު ދުވަހު ގާނޫނު ހަދާ މަޖިލީހުގައި އެދިފަ އެވެ.
ކުޑަކުދިން ޔޫޓިއުބް ބެލުން: ބެލެނިވެރިން ސަމާލުވާންވީ ކަންކަން
މިސްކިތުގައި ބަރަހަނާވި މީހާ ގުރައިދޫ މަރުކަޒަށް ބަދަލުކޮށްފި