ޣައްޒާ (23 މެއި) - އެގާރަ ދުވަހަށް ދެމިގެންދިޔަ އިޒްރޭލު- ފަލަސްތީނުގެ ހަމަލާތައް ހުއްޓާލުމަށްވެވިފައިވާ އެއްބަސްވުމަށް ދެފަރާތުން ވެސް ކަމޭހިތައި، ފުރިހަމައަށް ބޯލެނބުމަށް އދ. ގެ ސަލާމަތާ ބެހޭ ކައުންސިލުން ގޮވާލައިފި އެވެ.

ހޮނިހިރު ދުވަހު އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމަލާތައް ހުއްޓާލުމަށް ވެވިފައިވާ އެއްބަސްވުމަށް ދެ ފަރާތުން ވެސް އިހުތިރާމްކުރަން ޖެހޭ ކަމަށާއި މެދު އިރުމަތީގެ ސުލްހަ ދެމެހެއްޓުމަށް ދެ ފަރާތުން ވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ.

މައްސަލައާ ގުޅޭގޮތުން އެ ކައުންސިލުން ނެރުނު މި ފުރަތަމަ ބަޔާނުގައި އެއްބަސްވުން އެކުލަވާލުމުގައި މިސްރާއި އެނޫން ވެސް ސަރަހައްދީ ގައުމުތަކުގެ މަސައްކަތް ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ޣައްޒާއަށް މިވަގުތު އިންސާނީ އެހީ އިންތިހާއަށް ބޭނުންވެފައިވާ ކަން ފާހަގަކޮށް އެ ކައުންސިލުން ވަނީ އެކަމުގައި އެހީވުމަށް ބައިނަލްއަގްވާމީ މުޖުތަމައު އަށް އިލްތިމާސް ކޮށްފަ އެވެ.

އދ. ގެ ސަލާމަތާ ބެހޭ ކައުންސިލްގެ ބަޔާނަށް ވަނީ އެމެރިކާއިން ތާއީދު ކޮށްފަ އެވެ. އެ ގައުމުން ވަނީ މީގެ ކުރިން ޣައްޒާ މައްސަލައިގައި ސަލާމަތާ ބެހޭ ކައުންސިލުން އަޅަން އުޅުނު ގިނަ ފިޔަވަޅު ތަކެއް ހުއްޓުވާފަ އެވެ. --އަލް އަރަބިއްޔާ