ވެރިރަށް މާލެ ސިޓީ ބްލޮކް ތަކަކަށް ބަހާލައި ކޮންމެ ބްލޮކަކަށް ވެރިޔަކު ހޮވާ، މާލޭގެ ހަ އަވަށް ހިންގަން އަވަށު ބޯޑުތައް އެކުލަވާލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މާލެ ބްލޮކްތަކަކަށް ބަހާލައި ކޮންމެ ބްލޮކަކަށް ވެރިޔަކު އައްޔަންކުރާނެ ކަމަށެވެ. އެ މަސައްކަތް ކުރިއަށް އޮތް އެއް މަސް ތެރޭގައި ނިންމުމަކީ ސިޓީ ކައުންސިލްގެ އަމާޒެކެވެ.

ބްލޮކް ވެރިން ނެގުމަށް ހަމަޖައްސާފައި ވަނީ މާލެ ސިޓީ ކައުންސިލަށް ކައުންސިލަރުން ހޮވާ 18 ދާއިރާ އަށެވެ. ބްލޮކް ވެރިން މަސައްކަތް ކުރާނީ އެ ދާއިރާއެއްގެ ކައުންސިލަރާ ގުޅިގެންނެވެ. އަދި ބްލޮކްތަކުގެ ވެރިން ހޮވާނީ އެ ބްލޮކަށް ނިސްބަތްވާ ރައްޔިތުންގެ ފުރިހަމަ ހިޔާލާއި ބައިވެރިވުމާއި އަދި ގިނަ ރައްޔިތުން ބޭނުންވާ މީހާއަށް ބަލައިގެން ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ކޮވިޑްގެ މި އުނދަގޫ ވަގުތުގައި އެންމެންނަށް އެއްތަން ވެވޭހެން ބައްދަލުވުންތަކެއް ނުބޭއްވުނު ނަމަވެސް އޮންލައިންކޮށް އަދި ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނާ ބައްދަލުކޮށް ބްލޮކް ވެރިން ހޮވުމާ ގުޅޭ ގޮތުން މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަށް އިނގެން ބޭނުން. ބްލޮކްގެ ވެރިން ނެނގިގެން ދިޔައީމާ އެ ބްލޮކްގެ މިވެނި ގެއެއްގައި މިއަދު މީހުން ތިބީ ކައިގެންތޯ؟ އެގޭގައި ބަލިވެ ހުން އައިސް ކޮވިޑްގެ ހާލަތުގައި ނޫނީ އެހެން ހާލަތެއްގައި އެހީތެރިކަން ލިބެންޖެހޭ އެހެން ނަމަވެސް އެހީތެރިކަން ނުލިބޭ މީހަކު އެބަހުރިތޯ؟ މިހާ ތަފްސީލްކޮށް އަޅުގަނޑުމެންނާ ހަމައަށް ރިއަލް ޓައިމްކޮށް މާލޭގެ ރައްޔިތުން އުޅޭ ހާލަތު އަޅުގަނޑުމެންނާ ހަމައަށް އަންނާނެ ނިޒާމެއް ގާއިމުކުރަން ބޭނުން،" ޑރ. މުއިއްޒު ވިދާޅުވި އެވެ.

ބްލޮކް ވެރިން މަސައްކަތް ކުރާނީ ހާއްސަ ހައިސިއްޔަތަކާއި ހާއްސަ "ޕްރިވިލެޖްތަކެއް" ލިބިގެންނެވެ އެކަމާ ގުޅޭ އުސޫލު ވަރަށް އަވަހަށް ސިޓީ ކައުންސިލުން އާއްމުކުރާނެ އެވެ. ބްލޮކް ވެރިންނަކީ މުސާރައެއް ލިބޭނެ ބައެއް ނޫނެވެ، ނަމަވެސް ރާއްޖޭގެ އިގްތިސޯދީ ހާލަތު ރަނގަޅުވުމުން އެ ބޭފުޅުންނަށް މުސާރައެއް ނުވަތަ އެލަވެންސެއް ދޭނެ އެވެ.

ޑރ. މުއިއްޒު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އިތުރަށް ވިދާޅުވީ، މާލޭގެ ހަ އަވަށް ހިންގަން އަލުން އަވަށު ބޯޑުތަކެއް އެކުލަވާލުމަށް ނިންމާފައިވާ ކަމަށް ވެސް އިއުލާން ކުރައްވާފައިވާ ކަމަށާއި އަމާޒަކީ އެންމެ ލަސްވެގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އަވަށު ބޯޑުތައް އެކުލަވާލައި މަސައްކަތްތައް ފަށައިގަތުން ކަމަށް ވެސް ވިދާޅުވި އެވެ.